އެމްޑީޕީ

އިސްލާމީ މަރުކަޒުގެ ބޭރުގައި އެމްޑީޕީން ދުއާކޮށްފި

Nov 20, 2015
21

ފަހަކަށް އައިސް އިސްމާލީ މަރުކަޒުގެ ބޭރުގައި ކޮންމެ ހުކުރަކަށްފަހު އެމްޑީޕީގެ މެންބަރުން ކުރާ ދުއާ މިއަދުވެސް ކޮށްފި އެވެ.

މިއަދު ދުއާ ކޮށްފައި ވަނީ ފަހަަކަށް އައި ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒުގެ ބޭރުގައި ބަޔަކު މީހުން ކުރާ ދުއާގައި ވަކި ބަޔަކާ ދެކޮޅަށް ބަދު ދުއާ ކުރާ ކަމަށާއި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. އިސްލާމިކް މިނިސްޓްރީން އެ ފިޔަވަޅު އަޅާނެ ކަމަށް ބުނީ މީގެ ހަތަރު ދުވަސް ކުރިން ނެރުނު ބަޔާނެއްގަ އެވެ.

ހުކުރު ނަމާދަށް ދިޔަ އެމްޑީޕީގެ މެންބަރުން މިސްކިތުގެ ބޭރުގައި ދުއާކޮށްފައި ވަނީ ޖަލުގައި ތިބި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގޭ ބަންދުގައި ހުންނެވި އިމްރާން އަބްދުﷲ އާއި ޖަލުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓްރަރު މުހައްމަދު ނާޒިމުގެ މިނިވަން ވުމަށް އެދި އެވެ. އެ މީހުން މި ދުއާ ކުރަން ފެށީ ރައީސް ނަޝީދު ޖަލަށްލި ހިސާބުން ފެށިގެނެވެ.

ދުއާގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެއީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭނެ ކަމެއް ކަމަށާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

"... އެދުޢާގައި ވަކި ބަޔެއްގެ މައްޗަށް ބަދު ދުޢާ ކުރާކަން ފާހަގަކުރެވިފައި ވެއެވެ. އިސްލާމްދީނުގައި މުސްލިމަކު މުސްލިމެއްގެ މައްޗަށް ބަދު ދުޢާ ކުރުމަކީ ހުއްދަނޫން ޙަރާމް ކަމަކަށް ވެފައި، މި ދުޢާ ކުރަނީ ގިނަ ބައެއްގެ ކުރިމަތީގައި ދެއްކުންތެރިކަމުގެ ގޮތުން ކަމަށް ވާތީ، އެއީ މާތް ﷲ ރުހިވޮޑިނުގަންނަވާ ކަމަކަށް ވުމާ އެކު، އިސްވެ ބަޔާންވެދިޔަ ގޮތަށް ކޮންމެ ހުކުރު ނަމާދަކަށް ފަހު މިސްކިތުގެ ބޭރުގައި ކުރަމުންދާ ދުއާގައި ބައިވެރި ނުވުމަށާއި، އަދި އެދުޢާ ނުކުރުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.