ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަހުލޫފު މައްސަލަ އަދިވެސް ދިރާސާ ކުރަނީ

Jul 25, 2021
2

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ އަދިވެސް އަންނަނީ ދިރާސާ ކުރަމުން ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މަހްލޫފްގެ މައްސަލާގައި ޕީޖީ ވަކި ގޮތެއް ނިންމެވުމުގެ ކުރިން ތަހުގީގީ އިދާރާތަކާއެކު ކުރަން ޖެހޭ މަސައްކަތްތަކެއް އަދިވެސް ކުރަން އެބަހުރި ކަމަށެވެ. އެހެންވެ މަހްލޫފްގެ މައްސަލަ އަދިވެސް ދިރާސާ ކުރަމުންދާތީ އެ މައްސަލާގައި ވަކި ގޮތެއް ނިންމޭނެ ދުވަހެއް އަދިވެސް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ މި ބަންދުގެ ކުރިން މައްސަލައާ މެދު ގޮތެއް ނިންމަން. އެކަމަކު ކުރިން މިދެންނެވި ފަދަ ބައެއް ކަންކަން ހުރުމުން އަދި ގޮތެއް ނުނިންމޭ." ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ފުރިހަމަ ކުރަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގައި ދެ ފަހަރު ވެސް އެދިފަ އެވެ.

އެދުނު ކަންކަން ރަގަޅު ކުރުމަށްފަހު އޭސީސީން އަނބުރާ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު މަހްލޫފް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.