އުރީދޫ

އުރީދޫ އަތޮޅު ދުވުމުގައި ރަޖިސްޓްރީވާން އަލުން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ އަލުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އެ ދުވުމުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުން ދިއުމާ ގުޅިގެން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ އަންނަ ހޮނިހިރު ދުވަހާ ހަމައަށް މިހާރު ވަނީ ފުރުސަތު ފުރުސަތު ހުޅުވާލާފ އެވެ.

އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަތޮޅު ރަންގައި ރަޖިސްޓްރީވެވޭނެ އެވެ.

ހަމައެއާއެކު ރެޖިސްޓާވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި އަންނަ ހޮނިހިރު ދުވަހުގެ މެންދަމު 12:00 ޖެހުމުގެ ކުރިން ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތު ވެސް އުރީދޫ އިން ވަނީ ހުޅުވާލާފަ އެވެ.

މިއަހަރުގެ ދުވުމުގައި ވެސް ފަސް ކިލޯ މީޓަރުގެ ކެޓެގަރީ ހިމެނޭއިރު މުޅިން އަލަށް މިއަހަރު ވަނީ 10 ކިލޯ މީޓަރުގެ ކެޓެގަރީ ވެސް ތައާރަފްކޮށްފަ އެވެ.

އެ ދެ ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިން ވަކިން ރެޖިސްޓްރީކޮށް ޖުމްލަ 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެ ކަަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫގެ ދުވުން ހުޅުވާލައިފައިވަނީ ފަސް އަހަރުން މަތީގެ މީހުންނަށެވެ. އަދި އަންނަ މަހުގެ އެކަކުން ހަތަކާ ދޭތެރޭ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަ ކުރެވޭނެ އެވެ.

ދުވުމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފުރިހަމަކުރުމާއެކު ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭނެ އެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ދުވުންތެރިން، އެ މީހެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ އެވެ. އަދި ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާ އެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. މި ވާޗުއަލް ދުވުމާ ގުޅޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ އެވެ.