އާސަންދަ

އާސަންދައިން އެއާ އެމްބިއުލާންސެއް ގެންނަނީ

ރަށްރަށުން ބަލިވާ މީހުނަށް ކުއްލި ފަރުވާ ދޭން މާލެ ގެނައުމަށް އާސަންދައިން އެއާ އެމްބިއުލާންސެއް ހޯދަން ނިންމާފައިވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުއްސަމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ އެއް ގަމާއި މޫދަށް ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ އެއާ އެމްބިއުލާންސެއް ހޯދަން މަސައްކަތްކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނެއް އެއާ އެމްބިއުލާންސެއް ހޯދުން. އިރާދަ ކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ނިމޭރު ބަލި މީހުން އުފުލުމުގެ ހިދުމަތް ދިނުމަށް އެމްބިއުލާންސެއް އޮންނާނެ،" މައުމޫނު ވިދާޅުވި އެވެ.

ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުގައި އޮތް ކުންފުނީގެ ވިސްނުމުގައި އޮތީ އެއާ އެމްބިއުލާންސް އެ ކުންފުނިން އޮޕަރޭޓް ކުރުމުގެ ބަދަލުގައި ސިފައިން ނޫނީ އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރުން ކަމަށެވެ.

"އެއާ އެމްބިއުލާންސަކީ ތަފާތު ގޮތަކަށް ފަރުމާކޮށްފައި ހުންނަ އެއްޗެއް. އަޅުގަނޑުމެންގެ މަގުސަދަކީ މި ނިޒާމަކީ މި ރީޖަންގަައި ވެސް އެންމެ އިތުބާރު ކުރެވޭ ނިޒާމަކަށް އިރާދުކުރެއްވިއްޔާ ހެދުން،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާސަންދައިގެ ހިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ.

"މުސްތަގުބަލުގައި ސޮފްޓްވެއާއަށް ވެސް ބަދަލުތަކެއް އަންނާނެ. މިސާލަކަށް އައިޑީކާޑުގެ ވެރި މީހާގެ ހުއްދަ ނެތި އެހެން މީހަކު އާސަންދަ ބޭނުންކުރާ ނަމަ އޮޓަމެޓިކުން ވެރިމީހާއަށް މެސެޖު އަންނަ ފަދަ ނިޒާމެއް ވެސް ގާއިމް ކުރެވިގެން ދާނެ،" މައުމޫނު ވިދާޅުވި އެވެ.