ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕްގައި 15 ދަރިވަރުން ބައިވެރިވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކުންފުނީގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް އަލުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގެ ކުރިން ދެ އަހަރަކު ބާއްވާފައިވާ މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެކެވެ. އަދި މިއަހަރު ވެގެންދަނީ މި ޕްރޮގްރާމް ބާއްވާ ތިންވަނަ އަހަރަށެވެ. މި ޕްރޮގްރާމް އެހެން އަހަރުތަކާ އެއްގޮތައް މި އަހަރު ވެސް 12 މަސްދުވަހަށް ދެމިގެންދާނެ އެވެ.

މި އަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގައި އަލަށް ހޮވިގެން 15 ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ. އަދި މި ޕްރޮގްރާމު މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް އިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދާ 12 މަސް ދުވަހުގެ މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ވަޒީފާގެ އަމަލީ ތަމްރީން ދެވޭ މުއްދަތުގައި ބައިވެރިންނަށް މުސާރަ ދޭނެ އެވެ.

"ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ތިންވަނަ ބެޗްގެ ބައިވެރިންނަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް" މިފަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓާ ސަހާ ވަހީދު ވިދާޅުވި އެވެ.

ބީއެމްއެލްއިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ތައާރަފްކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އަދި މިހާތަނަށް މި ޕްރޮގްރާމްގެ ތެރެއިން 30 މީހަކަށް ތަމްރީން ދިނުމުގެ އިތުރުން 14 މީހަކަށް ބީއެމްއެލްއިން ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ.

ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބީއެމްއެލްއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިންގް އިންސްޓިޓިއުޓުން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބީއެމްއެލް އަށް ވަނީ ލިބިފަ އެވެ.