ލައިފްސްޓައިލް

100 މިލިއަން ޑޮލަރުގެ އަގުހުރި ޖަވާހިރެއް ސްރީލަންކާއިން ފެނިއްޖެ

ދުނިޔެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ސްޓާ ސަފާޔާ ކްލަސްޓާ ސްރީ ލަންކާ އިން ފެނިއްޖެ އެވެ.

މި އަގުހުރި ޖަވާހިރުގަނޑު ފެނިފައިވަނީ އެކްސިޑެންޓަކުންނެވެ. އަދި ކަން ދިމާކުރި ގޮތުން މި ޖަވާހިރުގަނޑު އޮތީ ޖަވާހިރުގެ ވިޔަފާރިކުރާ މީހެއްގެ ގޭގެ ފަހަތުގައި އޮންނަ ހުސް ތަނެއްގައި ކަމަށް ބީބީސީން ބުނެ އެވެ. މި ޖަވާހިރު ފެނުނު ގެ ހުންނަނީ ރަތުނަޕޫރާ އޭރިއާގަ އެވެ. މިއީ ޖަވާހިރު ގިނަ އަދަދަކަށް ފެންނަ ސަރަހައްދެކެވެ. ޖަވާހިރު ފެނުނީ ވަޅެއް ބަހައްޓަން ވެގެން މީހަކު ލައްވާ އެ ގޭގެ ފަހަތުގައި އޮންނަ ހުސް ތަނެއްގައި ވަޅެއް ކޮންނަނިކޮށެވެ.

މި "ޕޭލް ބްލޫ" ޖަވާހިރުގެ ބަރުދަނުގައި 510 ކިލޯގްރާމް ހުރިކަމަށް ތަޖުރިބާކާރުން ބުނެފައިވެ އެވެ. މި ޖަވާހިރުގެ ބާޒާރުގެ އަގު 100 މިލިއަން ޑޮލަރަށް އަރަ އެވެ. މި ޖަވާހިރަށް ދީފައިވާ ނަމަކީ 'ސެރެންޑިޕިޓީ ސަފާޔާ" އެވެ.

މި ޖަވާހިރުގެ ވެރިމީހާ ގަމާގޭ ބީބީސީ އަށް މައުލޫމާތު ދިން ގޮތުގައި ވަޅުގަނޑު ކޮންނަމުން ދަނިކޮށް އާދަޔާޚިލާފު ގޮތަކަށް އޮތް ބޮޑު ހިލަގަނޑެއް ފެނިގެން އެމީހުން ކައިރީ އެ ވާހަކަ ބުނީ ކޮންނަން ހުރި މީހާ އެވެ. އޭނާ ގޮސް ރަނގަޅަށް އެ ހިލަގަނޑަށް ބެލިއިރު އެއީ އަގުބޮޑު ޖަވާހިރެކެވެ.

ގަމަގެ އާއިލާގެ ތިން ޖެނެރޭޝަން އަކީ ޖަވާހިރުގެ ވިޔަފާރި ކޮށްފައިވާ ބައެކެވެ. ގަމަގެ ބުނި ގޮތުގައި އެމީހުންނަށް ޖަވާހިރު ފެނުނުކަން ކަމާ ބެހޭ ފަރާތްތަކަށް އެންގީ ވެސް އޭނާ އެވެ.

މި ޖަވާހިރު ފެނުނީ މިދިޔަ އަހަރު ނަމަވެސް އޭގައި ހުރި ހަޑިތައް މުޅިން ސާފުކުރެވުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. އެ މުޅިން ސާފުކުރުމަށްފަހު އެ ޖަވާހިރުގެ ކޮލިޓީ ބަލައި ޗެކް ކޮށް އަދި އޭގެ ބަރުދަން ބަލައިގެން ނޫނީ އެއީ ސައްހަ ޖަވާހިރެއްކަމުގެ ސެޓްފިކެޓް ނުލިބޭނެތީ ޖަވާހިރުގެ ޚަބަރު ނުލިބި ގިނަދުވަސް ތަކެއް ނެގީ އެވެ.