ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

17 ރަށެއް އޮތީ ބަންދުކޮށްފައި

ކޮވިޑް-19 ފެތުރެމުން ދާތީ މާލެ ސަރަހައްދު ފިޔަވައި 17 ރަށެއް މިހާރު އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދުކުރާ ރަށްތައް ބޮޑުތަނުން މަދު ވުމަށްފަހު އަނެއްކާވެސް ނަންބަރުތައް މިވަނީ މަތިވާން ފަށައިފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ފުވައްމުލަކު ސިޓީ އެވެ. މެއި މަހުގެ ހަޔަކުން ފެށިގެން އެ ސިޓީ ވަނީ ބަންދު ކޮށްފަ އެވެ. މީގެ އިތުރުން ރ. ދުވާފަރު ވެސް ވަނީ މެއި މަހުން ފެށިގެން ބަންދު ކޮށްފަ އެވެ.

ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދަން އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރު ކަމުގައިވާ ކޫއްޑޫ ޖޫން މަހުގެ 12 އިން ފެށިގެން ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. މިފްކޯގެ ފެކްޓަރީ އަކާއި އެއާޕޯޓަކާއި އަދި ރިސޯޓެއްގެ ގޮތުގައި ވެސް ހިންގަމުންދާ ކޫއްޑޫ މޮނިޓަރިންގައި އޮތުމުގެ ސަބަބުން ބައެއް އޮޕަރޭޝަންތަށް ހިނގަމުން ދަނީ އުނދަގޫތަކަކާ އެކުގަ އެވެ.

މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ނުވަ ރަށެއް އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. އެ ރަށްތަކަކީ ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ، ކ. ކާށިދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، މ. ކޮޅުފުށި، ށ. ފީވައް، ހއ. ތަކަންދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މިމަހު ބަންދުކޮށްފައި ވަނީ ގއ. ވިލިނގިލި، ރ. އުނގޫފާރު، ލ. ގަން، ލ. ފޮނަދޫ އަދި އއ. ހިމަންދޫ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 125 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 77،758 އަށް އަރާފަ އެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 26 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 91 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް އަށް މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.