ހައުސިން މިނިސްޓްރީ

މާލޭގައި 20 ބުރީގެ އިމާރާތްތައް ހަދަން ޝައުގުވެރިކަމެއް ނެތް

  • ހުއްދަ ދޫކޮށްފައި ވަނީ ސަރުކާރުގެ ޕްރޮޖެކްޓަކަށް އެކަނި
  • ޝައުގުވެރިވެގެން ބަޔަކު ހުށަހަޅާފައެއް ނެތް
  • އެކަމަށް ގިނަ ޝަރުތުތައް ފުރިހަމަ ވާން ޖެހޭ

މާލޭގައި 20 ބުރީގެ އިމާރާތްތައް ހެދޭ ގޮތަށް ސަރުކާރުން ހުއްދަ ދީފައިވީ ނަމަވެސް މިހާތަނަށް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ. އަދި އިތުރު ފަރާތްތަކަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ވެސް ނުވެ އެވެ.

ހައުސިން މިނިސްޓްރީ އިން 20 ބުރިޔަށް ނުވަތަ 196 ފޫޓުގެ އުސްމިނަށް އިމާރާތް ކުރުމުގެ ހުއްދަ ދީފައި ވަނީ މިއަހަރު މެދު ތެރޭގަ އެވެ. އަދި އޭގެ ފަހުން ވަނީ ސަރުކާރުގެ ޕްރޮޖެކްޓަކަށް ޓީވީ ކޮށީގައި ފްލެޓްތަކެއް 20 ބުރިޔަށް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފަ އެވެ.

އެހެން ނަމަވެސް ހައުސިން މިނިސްޓްރީގެ ޕްލޭނިންގް އެންޑް އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބު އިއްޔެ ވިދާޅުވީ އެ ޕްރޮޖެކްޓަށް ފަހު އިތުރު އެއްވެސް ބަޔަކު 20 ބުރީގެ އިމާރާތް ކުރުމަށް ހުއްދައަށް އެދަފައި ނުވާ ކަމަށެވެ. އަދި އެކަމަށް އޮތް ތަރުހީބު އަދި ކުޑަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިހާތަނަށް ހުށަހެޅިފައި އޮތީ އެންމެ ތަނެއް. އެވެސް ސަރުކާރުގެ އިމާރާތެއް. އަމިއްލަ ފަރާތަކުން އަދި 20 ބުރީގެ އިމާރާތެއް އެޅުމަށް ނެތް ހުށަހަޅާފަ އެއް،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި 20 ބުރިއަށް އިމާރާތްކުރުމަށް އަދި މިހާތަނަށް ބަޔަކު ހުށަހަޅާފައި ނުވިޔަސް ބައެއް ފަރާތްތަކުން އެވަރުގެ އިމާރަތް އެޅުމަށް ބޭނުންވާ ޝަރުތުތަކުގެ މައުލޫމާތު އޮޅުން ފިލުވި އެވެ. އަދި ހައުސިން މިނިސްޓްރީ އިން މީގެ ކުރިން ބުނި ގޮތުގައި މާލޭގައި އާއްމު ފަރާތްތަކަށް 20 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ދެވޭނީ ވަކި ޝަރުުތަކެއް ފުރިހަމަ ކުރުމުންނެވެ.

ވިހި ބުރިއަށް ހަދާ އިމާރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ؛ 

  • 4000 އަކަފޫޓަށް ވުރެ ކުޑަނުވުން
  • އިމާރާތުގެ ފުޓް ޕްރިންޓުގައި 3000 އަކަފޫޓު ހުރުން
  • މައި މަގުގެ ފުޅާމިނުގައި މަދުވެގެން 20 ފޫޓު ހުރުން
  • މަގުގެ ފުޅާމިނުގައި 15 ފޫޓު ހުރެއްޖެ ނަމަ، ގޯތީގެ ބިމުން މަގަށް ފަސް ފޫޓު ދިނުން

މާލޭގައި 20 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދޭން ސަރުކާރުން ނިންމީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމުގެ ބޭނުމުގަ އެވެ. އަދި ރިއަލް އެސްޓޭޓްގެ ވިޔަފާރިތަކަށް ފަސޭހަ ކުރުން ވެސް ހިމެނެ އެވެ. ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އިމާރާތް ކުރެވޭ އުސްމިން ވަނީ ސަރުކާރު ބޮޑުކޮށްދީފަ އެވެ.