އައްޑޫ ސިޓީ ކައުންސިލް

ގޯތިތަކާ ހަވާލުވާން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި

Aug 5, 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ބަދަލުގައި އެހެން ސަރަހައްދަކުން ދޫކުރާ ގޯތިތަކާ ހަވާލުވާން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ބަދަލުގައި ދޫކުރާ ގޯތިތަކާ ހަވާލުވާން ސިޓީ ކައުންސިލުން އިއުލާނުކޮށްފައި މިވަނީ ގޯތިތަކުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ބަދަލުގައި ދޫކުރެވޭ ގޯއްޗާއި ހަވާލުވުމަށް ގޯތީގެ ވެރިފަރާތުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އަދި ބަދަލުކުރަން ނިންމާފައިވާ ގޯތިތަކުގެ ވެރިފަރާތުން މި ބަދަލާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަން ވެސް މި މަހު 10 ވަނަ ދުވަހުގެ ކުރިން އެ އޮފީހަށް ލިޔުމުން އަންގަން ވަނީ އެދިފަ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރަން ބޭނުންނުވާ މީހުންގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހެޅާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިގޮތަށް އަންގާފައި ވަނީ މިހާރު ހިތަދޫ މެޖިސްޓްރޭޓު ކޯޓުގައި އެ ކައުންސިލާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި މި ގޯތިތައް ދޫކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުމާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ކޯޓުން އަންގާފައި ވަނިކޮށެވެ.

ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެ އެވެ. އަދި މި މަހުގެ 17ގެ ކުރިން މުޅި މައްސަލައިގައި މައުލޫއީ ގޮތުން ޖަވާބު ދޭން ކައުންސިލަށް ވަނީ ފުރުސަތު ދީފަ އެވެ. މި މައްސަލައިގައި ހުކުމް ކުރުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.