މޯލްޑިވްސް ޕޮލިސް ސާވިސް

މަސްއޫދަށް ހަމަލާ ދިން މީހާގެ ބަންދަށް ހަތް ދުވަސް

Aug 5, 2021

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ހަމަލާދިން މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވަނީ ހަތް ދުވަހެވެ.

މަސްއޫދަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ފޮނަދޫއިން އުމުރުން 37 އަހަރުގެ މީހަކު ކޯޓު އުމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދަމު 2:17 ހާއިރު އެވެ.

އަވަސް އަށް އެރޭ މައުލޫމާތު ދެއްވަމުން މަސްއޫދު ވިދާޅުވީ ފޮނަދޫގައި އޭނާ އަށް ހަމަލާދިނީ އަންހެނުން ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް އެރޭ 9:30 ހާއިރު ކަމަށެވެ.

މީގެކުރިން ފޮނަދޫގައި މަސްއޫދުގެ ކާރު ބާއްވާފައި އޮއްވާ ކާރުގައި ވެސް ވަނީ ރޯކޮށްލާފަ އެވެ. މަސްއޫދު ވިދާޅުވި ގޮތުގައި އޭނާ އަށް ހަމަލާ ދިނީ އޭނާގެ ކާރުވެސް ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް ކާރު އަންދާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަވަސް އެނގިފައިވާ ގޮތުގައި ކާރު ރޯކޮށްލި މައްސަލަ ތަހުގީގުކޮށް ފުލުހުން ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ.