ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް ދަނޑުމަތީގައި ތިބިކަން ވެސް ނޭނގި ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން 4-0އިން ބަލިވެ، ރެއާލް މެޑްރިޑް ހަ ޕޮއިންޓް ފަހަތަށް ހިނގައްޖެ އެވެ.
ލުއިސް ސުއަރޭޒް ދެ ގޯލު ޖަހައި ނޭމާ އާއި އަންދްރޭސް އިނިއެސްޓާ ގޯލު ޖެހި މެޗުގައި ރެއާލްގެ ރޮނާލްޑޯ އަށް ކުރެވުނުހާ ވެސް ކަމަކީ ދެ ބޯޅައެއް ގޯލަށް ފޮނުވާލުމެވެ. މީގެ ތެރެއިން މުޅިން ހުސްކޮށް ލިބުނު ބޯޅަ ވެސް ރޮނާލްޑޯ ޖެހީ ބާސެލޯނާގެ ކީޕަރު ކްލައުޑިއޯ ބްރާވޯގެ އަތަށެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެތެރް ބޭލް އަށް ކުރެވުނު ވަރަކީ ގޯލަށް އެންމެ ބޯޅައެއް ފޮނުވާލައި ޕެނަލްޓީ އެއް ހޯދަން ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓިގަތުން އެކަންޏެވެ.
މިއީ 1999 ވަނަ އަހަރުގެ ފަހުން ހަތަރު ލަނޑުން ރެއާލް މެޑްރިޑް ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ.
މެޗަސް ފަހު ކޯޗު ރަފާ ބެނީޓޭޒް ބުނީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހުރިހާ ކަމެއް ދިޔައީ ގޯސްކޮށް ކަމަށެވެ. އަދި އިންޑިވިޖުއަލް މިސްޓޭކް ހަދާނަމަ ބާސެލޯނާ ކަހަލަ މޮޅު ޓީމަކުން އިދިކޮޅު ޓީމު ކަތިލާނެ ކަމަށާއި މެޗުގައި އެކަން ފެނިގެން ހިނގައްޖެ އެވެ.
އޭނާ އަދި ބުނީ މިހާ ތަފާތު ބޮޑުކޮށް ބަލިވުމުން ހިތްކުދިކުދިވާނެ ކަމަށާއި ނަމަވެސް އެންމެ މުހިންމު ކަމަކީ އެންމެން ގުޅިގެން ކުރިއަށް އޮތް މެޗުން މޮޅުވުން ކަމަށެވެ. އަދި ރޭގެ މެޗަށް އޭނާ ނެރުނީ އެންމެ ވަރުގަދަ 11 ކުޅުންތެރިން ކަމަށާއި އެކަމާ މެދު ޝައްކެއްނުކުރާ ކަމަށެވެ.
ފަހުހާފުގައި ކުޅެން ނުކުތް ރެއާލްގެ އިސްކޯ އަށް ފަހު 10 މިނިޓަށްވީއިރު ރަތްކާޑު ދެއްކި މެޗަށް ފަހު ބަސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ ބާސެލޯނާގެ ސަޕޯޓަރުން ހަނދާން ނައްތާނުލާނެ މެޗެއް ކަމަށް އޭނާ ޔަގީންކުރާ ކަމަށެވެ.
އަދި އިނިއެސްޓާ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ފަދަ ކުޅުންތެރިއަކު ހުރުމުގެ ފައިދާ ބާސެލޯނާ ދައްކައިދީފި ކަމަށެވެ. އަދި ސުއަރޭޒަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއްކަން ވެސް ކޯޗު ފާހަގަ ކުރި އެވެ.
މި މޮޅާއެކު ސްޕެނިޝް ލީގުގައި ބާސެލޯނާ ވަނީ 30 ޕޮއިންޓް ހަމަކޮށްފަ އެވެ. ރެއާލް ދެ ވަނާގައިވަނީ 24 ޕޮއިންޓާއެކުގަ އެވެ. އެކަމަކު ތިން ވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑް މިރޭ މޮޅުވެއްޖެނަމަ ރެއާލް ދެ ވަނަ މަގާޟު ވެސް ގެއްލޭނެ އެވެ.