ބޭރު ކުޅިވަރު

ރޮނާލްޑޯ އަށް މަލާމާތްކޮށް، ރެއާލްގެ ސަޕޯޓަރުން އިނިއެސްޓާ އަށް ތައުރީފް ކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އަތުން 4-0އިން ރެއާލް މެޑްރިޑް ރޭ ބަލިވި މެޗުގައި ރެއާލްގެ ސަޕޯޓަރުން ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަށް ތައުރީފްކޮށް، ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މަލާމާތްކޮށްފި އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި އިނިއެސްޓާ ބަދަލު ކުރުމުން އޭނާ ދަނޑުން ފައިބަންއައި ވަގުތު ބާސެލޯނާގެ ސަޕޯޓަރުންނާއެކު ރެއާލްގެ ދަނޑުގައިތިބި 85000 މީހުން ކޮޅަށް ތެދުވެ، އޭނާ އަށް ތައުރީފްކުރުމަށް އަތްޖަހައި ހެދި އެވެ. މިއީ 2005 ވަނަ މި ދެ ޓީމު ކުޅުނު މެޗުގައި ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ރޮނާލްޑީނިއޯ އަށް ރެއާލްގެ ސަޕޯޓަރުން ތައުރީފް އޮއްސާލިފަހުން ބާސެލޯނާގެ ކުޅުންތެރިއަކަށް މިހާބޮޑަށް ތައުރީފްކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ބާސެލޯނާ މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިނީ އެއް ކުޅުންތެރިއަކީ ވެސް ސްޕޭނުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު އިނިއެސްޓާ އެވެ. މެޗުގެ ތިން ވަނަ ގޯލު ޖަހައިދިނުމުގެ އިތުރުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހަން މަގު ފަހިކޮށްދީފަ އެވެ. އަދި ރެއާލްގެ މެދުތެރެ ވިއްސިވިހާލިކޮށްލި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ރެއާލްގެ ސަޕޯޓަރުން ރޮނާލްޑޯ އަށް މަލާމާތްކުރިއިރު ގޯލާ ދިމާކޮށް އޭނާ ފޮނުވާލެވުނީ މުޅި މެޗުގައި އެންމެ ދެ ބޯޅަ އެވެ. މިދެ ފަހަރު ނޫނީ ރޮނާލްޑޯ އަކީ ދަނޑުމަތީގައި ހުރިކަން ވެސް ނޭނގޭހާ ބޮޑަށް އޭނާ ފެނުނީ ވަރަށް ބޮޑަށް ހުއްޓިގެން ހުއްޓަ އެވެ.

ފާއިރުވެދިޔަ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ އަށް ރެއާލްގެ ސަޕޯޓަރުން މަލާމާތްކުރިއިރު ކުލަބާ މައްސަލަޖެހިފައިވުމުން މި ސީޒަނަށް ފަހު އޭނާ ވިއްކާލަން ރެއާލް މެޑްރިޑުން ނިންމާފައިވާ ކަމަށްވެ އެވެ.