މެސީ

މެސީގެ މިސްރާބު ޕީއެސްޖީއަށް

އާޖެންޓީނާގެ ތަރި ލައިނަލް މެސީ އާއި ބާސެލޯނާގެ އެގްރީމެންޓް އާނުކުރެވުމާއި އެކު، މިހާރު މެސީގެ މިސްރާބު ހުރީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން އާއި ދިމާއަށެވެ.

މެސީއާއި އެކު އިތުރަށް ކުރިއަށް ދެވެން ނެތް ކަމަށް ބާސެލޯނާއިން ބުރާސްފަތި ދުވަހު ބުނުމާއި އެކު ގިނަ ކްލަބް ތަކެއްގެ ލޯ ވަނީ އެންމެ ގިނަ ބެލެންޑޯ ކާމިޔާބު ކޮށްފައިވާ މެސީއަށް އަމާޒު ވެފަ އެވެ. މީގެތެރެއިން ވެސް އެންމެ ފާހަގަ ވަނީ ފްރާންސްގެ ޕީއެސްޖީ އެވެ. މެސީ ޕީއެސްޖީއަށް ގެނައުމަށް އޭނާ އާއި އެކު ޕީއެސްޖީން މިހާރު ވަނީ މަޝްވަރާ ކުރަން ފަށާފަ އެވެ.

މިހާރު ފެންނަމުންދާ މަންޒަރު ތަކަަށް ބަލައި މިއަންނަ ސީޒަނުގައި މެސީ ކުޅޭނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ނޭމާ އަދި އާޖެންޓީނާގެ މައުރީސިއޯ ޕޮކެޓީނޯ އާއި އެކު ލީގު 1 އަށް ޕީއެސްޖީގައި ކަމަށް ބެލެވެ އެވެ.

ނޭމާ ވަނީ މެސީ އާއި އެކު ޕީއެސްޖީގައި ކުޅެން ބޭނުން ވާކަން ފާހަގަކޮށް އޭނާ ކުޅެމުން އަންނަ ޕީއެސްޖީގެ 10 ނަންބަރު މެސީއަށް ދިނުމަށް ނިންމާފަ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މެސީ ވަނީ 10 ނަންބަރަށް ކުޅުމުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި މެސީ ޕީއެސްޖީއަށް ގޮސްފި ނަމަ ކުޅޭނެ ކަމަށް ބެލެވެނީ ކުރިން އޭނާ ކުޅުނު 19 ނަންބަރަށެވެ.

ޕީއެސްޖީ ފިޔަވައި މެސީ ދިއުން އެންމެ ގާތް ކަމަށް ބެލެވުނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށެވެ. ނަމަވެސް ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ސިޓީގެ ޕްލޭންގައި މެސީ ނެތް ކަމަށެވެ.

މީގެ އިތުރުން ޕީއެސްޖީގެ އޯނަރުގެ ބޭބެ ހާލިދް ބިން ހައްމާދު ބިން ހަލީފާ އަލް-ތާނީ ވަނީ މެސީ އާއި އެކު ހުރިހާ މަޝްވަރާ ތަކެއް ނިމިއްޖެ ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ. މެސީ އާއި ޕީއެސްޖީ ހޭޝްޓެގަކަށް ބޭނުންކޮށް އޭނަ ކުރި އެ ޓްވީޓުގައި ބުނެފައި ވަނީ "މެސީ އާއި އެކު ހުރިހާ މަޝްވަރާ ތަކެއް ނިމިއްޖެ. ވަރަށް އަވަހަށް ރަސްމީކޮށް އެކަން އަންގާނެ" ކަމަށެވެ.

މާލީ ގޮތުން ބަލާނަމަ މެސީ ގެނެވޭ ވަރުގެ ގާބިލު ކަމެއް މިވަގުތު އޮތީ ޕީއެސްޖީގައި އެކަންޏެވެ. ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ އެޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ވިއްކާ ނުލައި މެސީ އެޓީމަށް ގެނެވޭނެ ގޮތަކާއި މެދުގަ އެވެ.