އެޗްޑީސީ

25 ބުރީގެ އިމާރާތަށް ލިބެންޖެހޭ 22 މިލިއަން ޑޮލަރު ނުލިބިގެން ކޯޓަށް ދަނީ

Aug 8, 2021
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 25 ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކުންފުންޏަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 22 މިލިއަން ޑޮލަރު ނުވަތަ 339 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މި އިމާރާތް އެޅުމަށް ނިންމީ ފިނޭންސް މިނިސްޓްރީއާ ޖެހިގެން އިރުމައްޗަށް އޮތް ހުސް ބިމުގަ އެވެ. ނަމަވެސް އެ އިމާރާތް އެ ސަރަހައްދުގައި އަޅައިފިނަމަ ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީވެ އެ އިމާރާތް އެޅުން ފަހުން ބަދަލުކުރީ ހުޅުމާލެ އަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 25 ބުރީގެ އިމާރާތް އެޅުމަށް ޑަބްލިއުޒެޑްއާރް ކުންފުންޏާ ހަވާލުކުރީ 122 މިލިއަން ޑޮލަރަށެވެ.

އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ބައެއް އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް މަޝްރޫއަށް ބޭނުންވާ ލޯނު ލިބުމުގައި ދަތިތަކެއް ދިމާވުމުން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދާ ހަމައަށް ވެސް ފެށިފައެއް ނުވެ އެވެ.

މަޝްރޫއު ނުފެށި ލަސްވާތީއާއި ޑަބްލިއުޒެޑްއާރު ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ އެ ކުންފުނިން މައްސަލަ އާބިޓްރޭޝަން ހުށަހެޅުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ 22 މިލިއަން ޑޮލަރު ހަތް ދުވަހުގެ ތެރޭގައި އެޗްޑީސީން ދައްކަން އަންގާފަ އެވެ.

ޑަބްލިއުޒެޑްއާރު ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅީ 30 މިލިއަން ޑޮލަރު ނުވަތަ 462 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ހޯދުމަށެވެ. ނަމަވެސް އާބިޓްރޭޝަނުން ކަނޑައެޅި 22 މިލިއަން ޑޮލަރަކީ އެ ކުންފުނިން ކުރި މަސައްކަތުގެ އަގު ކަމަށް ނިންމުމުގައިވެ އެވެ.

މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޑަބްލިއުޒެޑްއާރު ކުންފުނިން ކޯޓަށް ދާން ނިންމީ އާބިޓްރޭޝަނާ އެއްގޮތަށް އެޗްޑީސީން ފައިސާ ދައްކަމުން ނުދާތީ އެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގައި އެެއްވެސް ކުރިއެރުމެއް ނުލިބުމުން ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޑަބްލިއުޒެޑްއާރް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެހީތެރިވެދިނުމަށް އެ ކުންފުނިން މީގެ ކުރިން ވަނީ މެލޭޝިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައިވެސް އެދިފަ އެވެ.

ޑަބްލިއުޒެޑްއާރް ކުންފުންޏާ މަޝްވަރާކޮށްގެން ފައިސާ ދެއްކުމުގައި ގޮތްތަކެއް ހަމަޖައްސަން އެޗްޑީސީން ކުރިން ނިންމި ނަމަވެސް އެފަދަ މަޝްވަރާތަކެއް ހިނގި ކަމެއް އެނގިފައެއް ނުވެ އެވެ.

ދިވެހި ސަރުކާރުން ނިންމާފައި އޮތީ 25 ބުރީގެ އިމާރާތުގެ އެއްބައި އާންމު އޮފީސްތަކަށް ކުއްޔަށް ދިނުމަށާއި ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން އެ ތަނުގައި ގާއިމްކޮށް އަދި ސަރުކާރުގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ވަން ސްޓޮޕް ސާވިސް ސެންޓަރެއް ހެދުމަށެވެ.