ޓެކްނޯލޮޖީ

ގެލެކްސީ ޒެޑް ސީރީޒްގެ ދެ ފޯނެއްގެ ތަފްސީލްތައް ލީކް ވެއްޖެ

ގެލެކްސީ ޒެޑް ސީރީޒްގެ ދެފޯނެއްގެ ތަފްސީލްތައް ފޯނު އިއުލާން ކުރުމުގެ ކުރިން ލީކް ވެއްޖެ އެވެ.

ގެލެކްސީ ޒެޑް ފޯލްޑް 3 އަދި ގެލެކްސީ ޒެޑް ފްލިޕް 3 މި ދެފޯން އިއުލާންކޮށް ދައްކާލުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓްގަ އެވެ. ނަމަވެސް މި ފޯނުގެ ކުރެހުންތަކަކާއި ފޯނާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތަކެއް އިންޓާނެޓުގައި ވަނީ އާންމުކޮށްފަ އެވެ.

އާންމުވެފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ދެ ފޯނު ވެސް މި ސީރީޒްގެ ކުރިން ނެރުނު ފޯނުތަކަށް ވުރެ އަގުހެޔޮ ވާނެ އެވެ.

ސެމްސަންގް އިން އުފައްދާ މި ދެ ފޯނުގައިވެސް އޮޕަރޭޓިން ސިސްޓަމެއްގެ ގޮތުގައި ބޭނުން ކުރާނީ އެންޑްރޮއިޑް 11 އެވެ.

ގެލެކްސީ ޒެޑް ފޯލްޑް 3 ގައި 7.6 އިންޗް ޑިސްޕްލޭއަކާއި 6.2 އިންޗް ޑިސްޕްލޭއެއް ހިމެނެ އެވެ. އަދި މީގެ ސްކްރީންތަކަކީ 120 ހާޑްޒް ރިފްރެޝް ރޭޓްގައި މަސައްކަތް ކުރާ ސްކްރީން ތަކެކެވެ.

މީގެ އިތުރުން މި ފޯންގައި ސްނެޕް ޑްރެގަން 888 އެސްއޯސީ ސީޕީޔޫއެއް ހިމެނެ އެވެ. މި ފޯނުގައި ތިން 12 މެގަ ޕިކްސަލްގެ ކެމެރާގެ އިތުރުން ފޯނު ފައްޖަހާލާފައި އޮންނަ އިރު 10 މެގަ ޕިކްސަލް އަދި 4 މެގަޕިކްސަލް ކެމެރާ އެއް ބޭނުން ކުރެވޭނެ ކަމަށްވެސް ލީކް ތަކުން ދައްކަ އެވެ.

މި ފޯނުގައި 4،400 މިލިއެމްޕިއަރުގެ ބެޓެރިއެއް ހިމެނޭއިރު 5ޖީ އާއި ވައިފައި 6 ސަޕޯޓު ކުރެ އެވެ. އަދި 12 ޖީބީގެ ރެމް ހިމެނޭ އިރު 512 ޖީބީގެ ސްޓޯރޭޖެއް ވެސް ހިމެނެ އެވެ.

ގެލެކްސީ ޒެޑް ފްލިޕް 3 ގައި 6.7 އިންޗި މެއިން ޑިސްޕްލޭގައިވެ އެވެ. ފޯނު ފަތްޖަހާލާފައި އޮންނަ އިރު 1.9 އިންޗީގެ ޑިސްޕްލޭއެއް ފެންނާނެ އެވެ. މި ފޯނުގައި 8 ޖީބީގެ ރެމަކާއި 256 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ.

ފްލިޕް 3 ގައި ބޭނުން ކުރާ ސްކްރީނަކީ ވެސް 120 ހާޑްޒްގެ ރިފްރެޝް ރޭޓް ހިމެނޭ ޑިސްްޕްލޭ އެކެވެ. ފައިވް ޖީވެސް ބޭނުން ކުރެވޭ މި ފޯނުގައި 3،300 މިލިއެމްޕިއަރުގެ ބެޓެރިއެއް ހިމެނެ އެވެ. ވައިފައި 6 ސަޕޯޓު ކުރެ އެވެ.

މި ދެފޯނުގައިވެސް ބޭނުން ކޮށްފައިވާ ގިނަ މެޓީރިއަލް ތަކަކީ އެއްގޮތް މެޓީރިއަލް ތަކެކެވެ. އެގޮތުން ދެފޯނުގައިވެސް ބޭނުން ކޮށްފައިވަނީ ގޮރިއްލާ ގްލާސް ވިކްޓަސް އެވެ.