ރާއްޖެ ކުޅިވަރު

ވެލެންސިއާގެ ކުރީގެ ކޯޗް އެޑްވަޑް ޖަޔަވަރްދަނާ މަރުވެއްޖެ

ކުލަބު ވެލެންސިއާ އަށް ކޯޗުކޮށްދިން ސްރީލަންކާގެ ކުރީގެ ގައުމީ ކޯޗު އެޑްވަޑް ޖަޔަވަރްދަނާ މަރުވެއްޖެ އެވެ.

ދިވެހިންގެ ތެރޭގައި ބަޖިޔާކޯޗުގެ ނަމުން މަޝްހޫރުވި މި ކޯޗު މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ.

ފުޓްބޯޅަ ކޯޗެއްގެ އިތުރުން ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ޖަޔަވަރްދަނާގެ ޖަނާޒާ ބާއްވާފައިވަނީ ޖެހިގެން އައި އަންގާރަ ދުވަހު އެވެ. ވެލެންސިއާ އަށް 1986 އާއި 1987ގައި ކޯޗުކޮށްދިން ޖަޔަވަރުދަނާ މަރުވިއިރު އޭނާގެ އުމުރެއް ނޭނގެ އެވެ.

އޭނާ ވަނީ ވެލެންސިއާއަށް ކޯޗުކޮށްދިނުމުގެ އިތުރަށް 90ގެ ކުރީކޮޅު ވެލެންސިއާގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދު އައްޑޫގައި ޒުވާނުންނަށް ފުޓްބޯޅަ ދަސްކޮށްދިނުމަށް ހިންގެވި ޕްރޮގްރާމުގެ އިސްކޯޗެއްގެ ގޮތުން އައްޑޫގައި ދުވަސްކޮޅަކު ކޯޗުކޮށްދީފަ އެވެ.

ޖަޔަވަރުދަނާ އަކީ ލަންކާގައި މަޝްހޫރު ކޯޗެކެވެ. ޔޯކް ސްޕޯޓްސް ކުލަބާއި އޯލްޑް ބެންސަށް ވެސް ކޯޗުކޮށްދިން ޖަޔަވަރްދަނާ ވަނީ ރިނޯން ސްޕޯޓްސް ކުލަބަށް ލަންކާގެ ސިލްވާ ކަޕް 1981 އާއި 1982ގައި ކާމިޔާބުކޮށްދީފަ އެވެ.