ދުނިޔެ

މިތިބީ އީރާނުން ހަދާ ގޮތެއް ބަލަން: އެމެރިކާ

އީރާނަށް އާރައިސަކު ލިބުނުން ދެން ކަންތައް ވާނެ ގޮތް ދެލޯ ތަންމިނަށް ހުޅުވައިގެން ބަލަން ތިބި ކަމަށް އެމެރިކާއިން ބުނެފި އެވެ. ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވީ އިބްރާހީމް ރައީސީ ހުވާކުރެއްވުމުން ނިއުކްލިއާ މަޝްވަރާތައް ހިނގައިގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިބްރާހީމް ރައީސީ، ރައީސްކަމާ ހަވާލުވެ ވަޑައިގަތީ އޮގަސްޓް ފަހެއް – ބުރާސްފަތި ދުވަހު އެވެ. މި ރަސްމިއްޔާތުގައި ރައީސީ ވިދާޅުވީ ހުޅަނގުން އިރާނަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުން އެއްބަސްވެވޭ ކޮންމެ ކަމަކަށް ރުހި ގަބޫލު ކަމަށެވެ.

"މަޝްވަރާއަށް ފުރުސަތު އަދިވެސް އެބަ އޮތް،" ޖެން ސާކީ ވިދާޅުވި އެވެ. "އާރައިސަކު ލިބުމުން ހެޔޮ ބަދަލު އަންނާނެ ކަމަށް އުންމީދުކުރަން" ތަރުޖަމާން ވިދާޅުވި އެވެ.

އީރާންއާ އެމެރިކާއާ ދެމެދު ނުތަނަވަސްކަން އޮތް ނަމަވެސް ދުނިޔޭގެ މަސްލަހަތަށްޓަކައި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ބައިޑަން ސަރުކާރުން ގަބޫލުކުރައްވާ ކަމަށް ޖެން ސާކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިރާން ނިއުކްލިއާ ޑީލާ ބެހޭ ގޮތުން މަޝްވަރާކުރަނީ އެރެރިކާގެ ޝައުގުވެރިން ވެސް އޮތުމުން ކަމަށެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ރައީސީ ވިދާޅުވީ އެކަމުގައި އަސްކަރީ ގާބިލުކަން ލިބިގަތުން ނެތް ކަމަށާއި މަގުސަދަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ފަނާކުރަނިވި ހަތިޔާރު އުފައްދުމަކީ އީރާނުން ގަބޫލުކުރާ އަސާސެއް ވެސް ނޫން ކަމަށެވެ.

އީރާންގައި މިއަހަރު އޮތް ރިޔާސީ އިންތިހާބުގައި ރައިސީ ވާދަކުރައްވައި ވޯޓުގެ 62 ޕަސެންޓް ހޯއްދެވި އެވެ. އެއީ ގާތްގަނޑަކަށް 17.9 މިލިއަން ވޯޓެވެ.

ރައީސީ މަގާމާ ހަވާލުވެ ވަޑައިގެން ދެން އޮންނާނީ ކެބިނެޓަށް މިނިސްޓަރުން އައްޔަންކުރެއްވުމެވެ.