ބާސެލޯނާ

ބާސާގެ ސްޓައިލް ދަމަހައްޓާ ޔުވެންޓަސް ބަލިކޮށްފި

ޖޯން ގެޕާ ޓްރޮފީ މެޗުގައި ބާސެލޯނާއިން އެޓީމުގެ ސްޓައިލުގައި ޔުވެންޓަސް ބަލިކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އެސްޓާޑި ޔޯހަން ކްރައިފްގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 3-0 ގެ ބޮޑު ތަފާތަކުންނެވެ.

ތިން ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ މެސީ ބާސާ އާއި ވަކިވި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ފެށުމުގެ ކުރިން ސަޕޯޓަރުން ވަނީ މެސީއަށް ތަރުހީބު ދިނުމުގެ ގޮތުން އޭނާގެ ނަމުން މުޅި ސްޓޭޑިއަމް ގުގުމާލާފަ އެވެ.

މެސީ ޓީމުގައި ނެތް ނަމަވެސް ޓީމުގެ ހިތްވަރާއި ކުޅުމަކަށް ބަދަލެއް ނާދެ އެވެ. ބާސާއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކޮށްފަ އެވެ. އަދި ފޯވާޑް ލައިނުގައި އެންޓޯނިއޯ ގްރީޒްމެންއާއި މެމްފިސް ޑިޕާއިގެ އިތުރުން ޔޫސުފް ޑެމިރްގެ ފަރާތުން ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް ފެނިގެންދިޔަ އެވެ.

ފުރިހަމަ ފެށުމަކާއި އެކު މެޗުގެ ތިން ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ މި ސީޒަނުގައި ޓީމާއި އަލަށް ގުޅުނު ޑިޕާއީ އެވެ. ޑިޕާއީގެ މި ގޯލަކީ ޑެމިރް ދިން ތުރޫ ބޯޅަ އަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. މިހާރު ކުޅެމުންދާ ޕްރީ ސީޒަން މެޗު ތަކުގައި ޑިޕާއީ ވަނީ ބާސެލޯނާ އަށް ތިން ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ދެވަނަ ހާފުގައި ބާސާގެ އަނެއް ދެ ލަނޑު ކަމިޔާބު ކޮށްދިނީ މާޓިން ބްރެތުވެއިޓް އާއި ރިކީ ޕުއީގް އެވެ.

ޔުވެންޓަސް އަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯގެ ހަމަލާ ބާސާގެ ކީޕަރު ނެޓޯ ދިފާއު ކުރިއިރު، ފުރަތަމަ ހާފު ނިމެނިކޮށް ރޮނާލްޑޯއަށް ލިބުނު ހިލޭ ޖެހުން ވެސް ނެޓޯ ވަނީ މަތަކޮށްފަ އެވެ. ރޭގެ މެޗުގައި ނެޓޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

ބާސާ އާއި އަލަށް ގުޅުނު އެމާސަން ރޯޔަލް ވަނީ މި މެޗުގައި އޭނާގެ ފުރަތަމަ ޑިބަޓް ހަދާފަ އެވެ.