ރައްޔިތުންގެ މަޖިލިސް

ޕީޖީ ކަމަށް ބިޝާމް އައްޔަންކުރަން ކޮމިޓީން ރުހުންދީފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމަށް އައިޝަތު ބިޝާމް އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި އެވެ. ޕީޖީގެ މަގާމަށް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުވާފައިވާ އައިޝަތު ބިޝާމްގެ ނަން މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވީ މިއަދު އެވެ.

ޕީޖީ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައި ވަނީ އެ ނަންފުޅާ މެދު މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް ރައީސް އަބްދުﷲ ޔާމިން މަޖްލީހަށް ފޮނުވި ސިޓީ އިއްވުމަށް ފަހު އެވެ.

ބިޝާމަށް ރުހުން ދިނުމާ ބެޭގޮތުން ބަހުސްކުރަން ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދިޔައީ ސިއްރު ކޮމިޓީއެއްގެ ގޮތުގައެވެ.

މިމަހު 10 ވަނަ ދުވަހު ކުރީގެ ޕީޖީ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވައި އޭނާ މަގާމުން ދުރުކުރުމަށް ފަހު އަލުން އެމަގާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން 700 އެއްހާ ވަކީލުންގެ ތެރެއިން ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ ހަމައެކަނި ބިޝާމް އެވެ. އެހެން ކަމުން މިދިޔަ ބުދަ ދުވަހު ރައިސުލް ޖުމްހޫރިއްޔާ ވަނީ ބިޝާމްގެ ނަން ރައްޔިތުން މަޖުލީހަށް ފޮނުވާފަ އެވެ.

ބިޝާމަކީ ކުރިން ކުޑަ ދުވަސްކޮޅަކަށް ބަންޑާރަ ނައިބުގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. ބިޝާމަށް ޕީޖީކަން ދޭން މަޖިލީހުން ފާސްކޮށްފިނަމަ އެކަމަނާ ހިމެނި ވަޑައިގަންނަވާނީ އެ މަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.