ޓެކްނޯލޮޖީ

ސްޓީމް ޑެކަށް ވިންޑޯސްް އެޅޭނެ ގޮތް ހަދަނީ

ވެލްވްއިން އެކުންފުނިން ނެރެން ހަމަޖެހިފައިވާ ގޭމް ކޮންސޯލް "ސްޓީމް ޑެކް" އަށް ވިންޑޯސް އެޅޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެލްވް އިން ބުނެފި އެވެ.

ވެލްވްގެ ސްޓީމް ޑެކް މިހާރު ބޭނުން ކުރަނީ އެކުންފުނިން އަމިއްލައަށް އުފައްދާފައިވާ ލިނަކްސް އޯޕަރޭޓިންގް ސިސްޓަމެކެވެ. ނަމަވެސް މިހާތަނަށް އެ ޑިވައިސް ރިވިއު ކުރި ފަރާތް ތަކުން ބުނެފައިވަނީ އެ ޑިވައިސްއަށް ވިންޑޯސް އިންސްޓޯލް ކުރެވޭނެ ކަމަށެވެ.

ސްޓީމް ޑެކް ޑިވައިސް ޑިޒައިން ކޮށްފައިވާ ގޮތުން ވިންޑޯސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ސަޕޯޓު ކުރާނެ ކަމާ މެދު ޔަގީން ކަމެއް ނެތެވެ. ނަމަވެސް ވެލްވްއިން ސްޓީމްޑެކަށް ވިންޑޯސް 11 އޯއެސްް ސަޕޯޓް ކުރާަނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ވެލްވްއިން މިހާރު ވަނީ ޕްރޮސެސާ އުފައްދާ ކުންފުނި އޭއެމްޑީއާއި ގުޅިގެން ސްޓީމްޑެކަށް ވިންޑޯސް 11 ގެނައުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ވެލްވްްއިން މިކަމާމެދު އެންމެ ފަހުން ބުނފައިވަނީ މިހާރު ދަނީ ޓެސްޓުކުރުމުގެ މަރުހަލާ ކަމަށާއި ވިންޑޯސް 11 ސްޓީމް ޑެކްއަށް މިހާރު ސަޕޯޓު ކުރާނެ ކަމަށެވެ.

ސްޓީމް ޑެކް ނެރޭނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައި ނުވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވެލްވްއިން ވަނީ ގިނަ ޓެކް ރިވިއު ކުރާ ފަރާތްތަކަށް ސްޓީމް ޑެކް ބޭނުން ކުރަން ދީފަ އެވެ.