ބޮލީވުޑް

"ޖީ ލޭ ޒަރާ" - "ދިލް ޗާހްތާ ހޭ"ގެ އަންހެން ފިލްމު

އާމިރު ޚާނާއި ސައިފް އަލީ ޚާން އަދި އަކްޝޭ ކަންނާގެ "ދިލް ޗާހްތާ ހޭ" ކަހަލަ ގާތް އެކުވެރިކަމުގެ މައްޗަށް އުފައްދާ ފިލްމެއް އިއުލާން ކޮށްފި އެވެ.

މިއީ އެތައް ދުވަހަކަށްފަހު ފަރްހާން އަޚްތަރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. "ދިލް ޗާހްތާ ހޭ"އަކީ ވެސް ފަރްހާން ޑައިރެކްޓްކުރި ފިލްމެކެވެ.

"ޖީ ލޭ ޒަރާ"ގެ ނަން ދީފައިވާ މި ފިލްމު ފަރްހާން އިއުލާން ކުރީ "ދިލް ޗާހްތާ ހޭ" ރިލީޒްކުރިތާ 20 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ކުރީގެ ފިލްމެކޭ އެއްގޮތަށް އަލަށް ހަދަން ތައްޔާރުވަމުންދާ ފިލްމުގައި ބައިވެރިވާ ތަރިން ވެސް ވަރަށް ޝައުގުވެރި އެވެ."ޖީ ލޭ ޒަރާ"ގައި ތިން ބެސްޓް ފްރެންޑުންގެ ރޯލު އަދާކުރާނީ ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓް އަދި ކެޓުރީނާ ކައިފް އެވެ.

މި ފިލްމުގައި ސޮއި ކުރެވުނު ގޮތް ކިޔައިދެމުން ޕްރިޔަންކާ ސޯޝަލް މީޑީއާގައި ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ އޭނާ ހިންދީ ފިލްމެއް ކުޅެން ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. އެކަމަކު އާދައިގެ ފިލްމަކަށް ވުރެ އޭނާ ބޭނުންވީ އާދަޔާޚިލާފު ޕްލޮޓެއް އެކުލެވޭ ފިލްމެކެވެ.

އެހެންވެ ފެބްރުއަރީ 2020ގައި ކޮވިޑް-19ގެ ސަބަބުން ގައުމުތައް ލޮކްޑައުން ނުވަނީސް ޕްރިޔަންކާ އާއި އާލިއާ އަދި ކެޓުރީނާ ބައްދަލުކުރި އެވެ. އަދި މިފަދަ ފިލްމެއް ތިން މީހުން އެކުގައި ކުޅެން އެއްބަސްވި އެވެ.

މިއީ އަންހެން ތިން އެކުވެރިއެއްގެ އެކުވެރިކަން ދައްކުވައިދޭ ފިލްމެއް ކަމަށާއި ކެޓުރީނާ އާއި އާލިއާ އަކީ ބޮލީވުޑްގައި ތިބި އޭނާގެ އެންމެ ގާތް ދެ އެކުވެރިން ކަމަށް ޕްރިޔަންކާ ބުންޏެވެ. ދެން މި ތިން އެކުވެރިން މަޝްވަރާ ކުރީ އެފަދަ ފިލްމެއް އުފައްދަން އެކަށީގެންވާ ރަނގަޅު ޑައިރެކްޓަރަކު ހޯދުމަށެވެ. އެގޮތުން އެމީހުންނަށް އެންމެ ރަނގަޅު ބަޔަކަށް ފެނުނީ ފަރްހާން އަޚްތަރާއި ޒޯޔާ އަޚްތަރާ ދެބެންނެވެ.

އާލިއާ ވެސް އަދި ކެޓުރީނާ ވެސް ވަނީ "ޖީ ލޭ ޒަރާ"އާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ޝެއާ ކޮށްފަ އެވެ. މި ދެ ޕޯސްޓްގައި ޖަހާފައިވަނީ ޕްރިޔަންކާގެ ޕޯސްޓުގައި ވެސް ޝެއާ ކުރި ފޮޓޮ އެވެ. އެއީ 2020 ފެބްރުއަރީގައި މިތިން ބަތަލާއިން ބައްދަލުކުރިއިރު ނަގާފައިވާ ފޮޓޮ އެކެވެ.

ފިލްމުގެ ޚިޔާލު މިހާ ކުރިންސުރެ އުފަން ވިޔަސް ޕެންޑެމިކްގެ ސަބަބުން ފިލްމުގެ މަސައްކަތް ނުފެށި ގިނަ ދުވަސްވީ އެވެ. ނަމަވެސް މިހާރު މި ފިލްމު ރަސްމީކޮށް އިއުލާންކޮށް ވަރަށް އަވަހަށް ޝޫޓިން ފަށަން ދަނީ ތައްޔާރު ވަމުންނެވެ.

"ޖީ ލޭ ޒަރާ"ގެ ވާހަކަ ލިޔުނީ ވެސް ފަރްހާނާއި އޭނާގެ ދައްތަ ޒޯޔާ އަދި އެމީހުންނާ އެކު ވަރަށް ކުރިއްސުރެ މަސައްކަތްކުރާ ރީމާ ކަގްޓީ އެވެ. ޕްރޮޑިއުސްކުރާނީ ފަރްހާން އާއި ރިތޭޝް ސިދްވާނީގެ އެކްސެލް އެންޓަޓައިންމަންޓުންނެވެ.

މީގެ ކުރިން ފަރްހާން އާއި ޒޯޔާއާ ދެބެން ގުޅިގެން އުފެއްދި ފިލްމުތަކުގެ ތެރޭގައި 2001 ގައި ރިލީޒްކުރި "ދިލް ޗާހްތާ ހޭ" އާއި 2011 ގައި ރިލީޒްކުރި "ޒިންދަގީ ނާ މިލޭގީ ދޯ ބާރާ" ހިމެނެ އެވެ.

މި ދެ ފިލްމަކީ ވެސް ވަރަށް މޮޅު އަދި ރީތި ފިލްމު ތަކެކެވެ. އަދި ބޮކްސް އޮފީހުގައި ވެސް އެ ފިލްމުތަކަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބިފައިވެ އެވެ.