މާލޭ ސިޓީ ކައުންސިލް

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައަޅަނީ

މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދު ފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ހިޔާލު ހޯދުމަށް މައްޗަންގޮޅީ ރައްޔިތުންނާ އެކު ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

މުއިއްޒު ވަނީ މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭން ހުށަހަޅުއްވާފަ އެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫއު ތަކުގެ ތަފްސީލް ހިއްސާކުރެއްވި އެވެ. ހާއްސަކޮށް މައްޗަންގޮޅިއަށް ހުރި މަޝްރޫއުތަކުގެ މައުލޫމާތު ދެއްވި އެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއުތަކާއި ބިން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ޕާކިން މައްސަލަތައް ހައްލުކުރަން ކުރާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ.

މާލޭގެ ޓްރެފިކް މައްސަލާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގައި އެއްގަމު އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން އާމުންނަށް ދިމާވާ އުނދަގޫތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީގައި ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅުއްވާ އިއުލާންކުރައްވާނެ ކަމަށެވެ.

މައްޗަންގޮޅީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ރައްޔިތުންގެ ދެކޭ ގޮތުގެ ހިޔާލުތައް ހިއްސާކުރި އެވެ. މޭޔަރުގެ އިތުރުން މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަމީރު ވެސް މިބައްދަލުވުމުގައި ވަނީ ވާހަކަދައްކަވާފަ އެވެ.

ސިޓީ ކައުންސިލުން މާލޭ ސިޓީގެ ރަށްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތައް ތާވަލުކުރެވިފައިވާ ގޮތުން ދެން އެންމެ އަވަހަށް އޮންނާނީ މާފަންނު ބައްދަލުވުމެވެ. މާފަންނު ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެރޭ 8:30 ގައެވެ. މި ބައްދަލުވުންތައް އޮންނަ ތަން ސިޓީ ކައުންސިލުން ފަހުން އިއުލާނު ކުރާނެ އެވެ.