ހަބަރު

ވިލިނގިލި ބްރިޖު މަސައްކަތް އަވަސްކުރަން ސީދާ ހަރަކާތަށް

ގއ. ވިލިނގިއްޔާއި ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާތީ އެ މަސައްކަތް އަވަސްކުރުމަށް ބާރުއެޅުމުގެ ގޮތުން "ސީދާ ހަރަކާތްތައް" ވަރަށް އަވަހަށް ފަށާނެ ކަމަށް ވިލިނގިލި ކައުންސިލުން ބުނެފި އެވެ.

ކޫއްޑޫއާއި ވިލިނގިލި ގުޅާލުމާ ގުޅޭގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ދެ ރަށް ގުޅާލުމަކީ ވިލިނގިލި ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ހިމަނާފައިވާނީ ވެސް ބްރިޖު އެޅުމުގެ މަސައްކަތް ކަމުގައި ވިދާޅުވި އެވެ.

"ހަގީގަތުގައި މިދައްކަނީ މާލެއާއި ވިލިމާލެއާއި މިއިންނަ ދުރުމިނަށް ވުރެ ވެސް ކައިރި ސަރަހައްދެއްގެ ވާހަކަ. އަދި އެއީ ރައީސްގެ ރިޔާސީ ވައުދެއް ކަމަށްވާތީ އެކަން ވީހާވެސް އަވަހަށް ކުރުމަކީ ރައްޔިތުންގެ ފަރާތުން އެދޭ ކަމެއް،" ވިޝާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ ވާހަކަ ސަރުކާރުގެ އިދާރާތަކާ އެކު އަބަދުވެސް ދެކެވޭ ކަމަށެވެ. އަދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް އެކަމުގައި މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"ދާދިފަހުން މެންބަރާ އެކު ކައުންސިލް އިދާރާގައި ވެސް ބޭއްވުނު ބައްދަލުވުމުގައި ބްރިޖުގެ ވާހަކަ ދެކެވުނު. މެންބަރު ވެސް ހުންނެވީ މިކަމުގައި އެއްބާރުލުން ދެއްވާ ގޮތަށް،" ވިޝާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޫއްޑޫއާއި ވިލިނގިލި ގުޅާލަން ބޭނުންވަނީ ކޫއްޑޫ އެއާޕޯޓާއި ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ވިލިނގިލި ރައްޔިތުން ކަމަށްވާތީ އެ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ބްރިޖެއް އެޅިއްޖެނަމަ ވިލިގިއްޔަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ވިލިނގިލި ރައްޔިތުން ބްރިޖެއް އެޅުމަށް ސަރުކާރުގައި އެދެމުންދާއިރު އައްޑޫގައި ވެސް 14 ކިލޯމީޓަރުގެ ދިގު ބްރިޖެއް އެޅުމަށް ގޮވާލައި އައްޑޫ ރައްޔިތުން ގެންދަނީ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. އަދި މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި ގުޅާލުމަށް ބްރިޖެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.