އަހުމަދު މަހްލޫފު

މަހްލޫފްގެ ދިފާއުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން

Aug 11, 2021
1

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ދިފާއުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ނިކުންނަވައިފި އެވެ.

އެމްޑީޕީގެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ މަހްލޫފަކީ ވަޒީރަކަށް ވެފައި ދައުވާކުރަން ޕީޖީ އަށް ފޮނުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ދައުވާ ނުކުރެވި ލަސްވުމާ ގުޅިގެން މިނިސްޓްރީގެ މަސައްކަތްތަކަށް ބުރޫއެރުމެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި ދުވަހުން ފެށިގެން މަހްލޫފް ހުންނެވި މަސައްކަތުން އެކަހެރިކޮށްފަ އެވެ.

މަހްލޫފްގެ މައްސަލަގާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ޔޫތު މިނިސްޓަރު މަހްލޫފާ މެދު ކަންކުރެވެމުންދާ ގޮތަކީ ގައުމުގެ ގިނަ ޒުވާނުން ވަރަށް ގާތުން ބަލަމުންދާ ކަމެއް ކަމަށެވެ. ރާއީގެ ޓްވީޓްގައި ޕީޖީ ހުސައިން ޝަމީމް ޓެގް ކުރައްވާފައިވާތީ މިއީ މަހްލޫފާ މެދު ޕީޖީ ގޮތެއް ނިންމެވުން ލަސްކުރައްވާތީ ޕީޖީ އަށް އަމާޒުކޮށް ވިދާޅުވި އެއްޗެއް ކަމަށް ބެލެވެ އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މަހްލޫފާ މެދު ގޮތެއް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް އެކަމުން ލިބޭ ގެއްލުމެއް ކަމަށެވެ.

"ހާއްސަކޮށް ޒުވާނުންނަށް ލިބޭ ބޮޑު ދެރައެއް. ލަސްވުމަކީ އިންސާފު ލިބުމަށް އެޅޭ ހުރަހެއް،" ޔައުގޫބް ވިދާޅުވެފައިވެ އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތު) ވިދާޅުވީ މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުންދާ ގޮތް ފެންނަ ކަމަށެވެ. ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އެއްވެސް މީހަކު "ކަތިލެވިގެން" ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މިނިސްޓަރު މަހްލޫފްގެ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން މުހައްމަދު ވިދާޅުވީ މަހްލޫފަކީ ވުޒާރާއާ ގުޅުންހުރި ދާއިރާތަކުގެ މަސައްކަތްތަކުގައި އަވަދިނެތި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ވަޒީރެއް ކަމަށެވެ.

" ތުހުމަތެއްގައި، ސަސްޕެންޝަނުގައި، ވާނުވާގައި ގިނަ ދުވަހު ހުންނަވަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ދެރައެއް،" މުހައްމަދު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މަހްލޫފާ މެދު ޕީޖީ ގޮތެއް ނިންމެވުން ލަސްކުރަމުންދާތީ މިނިސްޓަރު މަހްލޫފް ވަނީ އެ މައްސަލާގައި ކޮންމެވެސް އެއްގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑއިގެންފަ އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް ވަނީ އިންކާރުކުރައްވާފަ އެވެ.