އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ގޯތިތަކުގެ މައްސަލަ ކައުންސިލް ކޮޅަށް ނިމިއްޖެ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް އެ ސަރަހައްދުން ނަގައި އެހެން ސަރަހައްދަކަށް ގޯތިތައް ބަދަލުކުރުމުގައި މައްސަލައެއް ނެތް ކަމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 42 ގޯތި ނަގަން މިހާރުގެ ކައުންސިލުން އޮތީ ނިންމާފަ އެވެ. ނަމަވެސް ކައުންސިލްގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހަތް މީހަކު އޮތީ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަނޑައެޅުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް ކޯޓުގައި އެ މައްސަލަ ކުރިއަށް ދަނިކޮށް ސިޓީ ކައުންސިލުން ވަނީ އަލަށް ދޫކުރި ގޯތިތަކާ ހަވާލުވާން ވެސް އަންގައިފަ އެވެ.

އެ މައްސަލައިގައި ދައުވާ ލިބުނު އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯތިތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމީ ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށްފައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 41 ވަަނަ މާއްދާގައިވާ ގޮތުން މީހުންގެ އަމިއްލަ ބިންތަކާ މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެނަމަ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދުލުވެރި ބަދަލެއް ދިނުމަށް ފަހު ނެނގިދާނެ ކަމަށެވެ. އެހެންކަމުން އެ ގޯތިތައް ނުނެގޭނެ ސަބަބެއް ނެތް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އައްޑޫ ސިޓީ ކައުންސިލްގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަަމަށް އެ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ރަފީއުއްދީން މިއަދު ހުކުމް އިއްވެވި އެވެ.

ހުކުމްގައި ބުނެފައިވަނީ ބިމެއް ލިބި އެތަނުގައި އިމާރާތެއް ކޮށްފައި ނެތް ނަމަވެސް އެތަނުގައި އިމާރާތެއް އަޅައި ދިރިއުޅެއް ފަށަން އުއްމީދުތަކެއް ކުރާނެ ކަަމަށާއި އެގޮތުން ލޯނާއި، ފެސިލިޓީއާއި، ކުރެހުންތައް ކުރެހުން ފަދަ ކަންތައްތަކާއި ލޮލަށް ނުފެންނަ އެހެންނަމަވެސް ގޯއްޗާއި ގުޅުން ހުރި ކިތަންމެ ހަރަދެއް ކޮށްފާ ހުންނާނެ ކަމަށެވެ. އަދި އެކަންކަން ބަލާނީ ގޯތި ލިބިފައިވާ ފަރާތުގެ ކިބައިން ގޯތި ވަކިކުރާ ފަރާތް ނޫން ކަމަށެވެ. އެހެންކަމުން ގޯތި ނެގި ފަރާތްތަކަށް ދޭން ޖެހޭ ބަދަލަކީ އަދުލުވެރި ބަދަލެއްތޯ ނިންމާނީ ޝަރުއީ ކޯޓު މެދުވެރިކޮށް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ. ނަަމަވެސް ދެކޮޅުވެރިކަމެއް ނެތި ރުހުމުގައި ކުރާ މުއާމަލާތަކުގައި ޝަރީއަތެއް ބޭނުން ނުވާނެ ކަމަށެވެ.

ގޯތިތައް ނެގި މައްސަލާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވީ ގޯތިތައް ނެގުމުން އެއްވެސް ބަަޔަކަށް ގެއްލުން ނުވާނެ ކަމަށާއި އަދި އޭގެ ސަބަބުން އައްޑޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށެެވެ. ހަމަ އެހެންމެ ގޯތިތައް ނެގުމަށްފަހު ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން އެ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ނިޒާރު ވިދާޅުވެފައިވެ އެވެ. އަދި ބައެއް ގޯތިތަކަށް ބަދަލުދޭ އިރު ކުރިން ލިބިފައި ހުރި ގޯތިތަކަށް ވުރެ ބޮޑެތި ގޯތިތަކެއް ދޭނެ ކަމަށެވެ. އެގޮތުން ކުރިން 2400 އަކަފޫޓާއި 2500 އަކަފޫޓުގެ ގޯތި ލިބިފައި އޮތް މީހުންނަށް ދެން ދޭނީ 3000 އަކަފޫޓުގެ ގޯއްޗެވެ.