ދިރާގު

އެތުލީޓުންނާއި އެކު ދިރާގުން އިންސްޓަގްރާމް ލައިވް އަކަށް

އޮލިމްޕިކްސްގައި ބައިވެރިވި ދިވެހި އެތުލީޓުންނާއި އެކު ދިރާގުން އިންސްޓަގްރާމް ލައިވްއެއް މިރޭ ބާއްވާނެ އެވެ.

ޒުވާނުންގެ ދުވަހަށް ހާއްސަ ކޮށްގެން އިންސްޓަގްރާމުން ލައިވް ކުރާ މި އިވެންޓުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ އަބްދުލް ރައްޒާގް ބައިވެރިވާނެ އެވެ. އަދި މޮޑަރޭޓަރެއްގެ ގޮތުގައި ރާއްޖޭއިން އޮލިމްޕިކްސްގައި އެންމެ ފުރަތަމަ ބައިވެރިވި ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ.

މި ލައިވްގައި ސާއިދު އާއި ނަބާހާ ކާމިޔާބީއާއި ހަމައަށް ދަތުރު ކުރިގޮތް ބައިވެރިންނާއި ހިއްސާ ކުރާނެ އެވެ. އަދި ބައިވެރިން ބޭނުންވާ ސުވާލުތައް މި އެތުލީޓުންނާއި ކުރުމުގެ ފުރުސަތުވެސް މި ލައިވުން ލިބޭނެ އެވެ.

"މައިންޑްސެޓް އޮފް ޗެމްޕިއަންސް"ގެ ނަމުގައި އިންސްޓަގްރާމް މެދުވެރިކޮށް ދިރާގުން ބާއްވާ މި ލައިވް އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 08:00 ޖަހާއިރު އެވެ.

ސާއިދު، 29، އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރު އެތުލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން އިންޑިވިޖުއަލް އިވެންޓަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ވެސް ސާއިދު އެވެ. އަދި ދިރާގުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހުރި ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދާފަ އެވެ.

ނަބާ ވަނީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން ދެ ރަން މެޑަލް ހޯދާފަ އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ނަބާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.