ބޭރު ކުޅިވަރު

ރެއާލް މެޑްރިޑާ ހަވާލުވާކަށް ބޭނުމެއްނޫން: ޒިދާން

ރެއާލް މެޑްރިޑުގެ ހެޑްކޯޗުކަމާ ހަވާލުވާން އަދި މާ އަވަސް ކަމަށާއި މިވަގުތު ހެޑްކޯޗުގެ މަގާމު ބޭނުންނުވާ ކަމަށް ރެއާލްގެ ބީ ޓީމުގެ ހެޑްކޯޗު ޒައިދުއްދީން ޒިދާން ބުނެފި އެވެ.

އޭނާ މިހެން ބުނީ ހޮނިހިރު ދުވަހގެ ރޭ ކުޅުނު އެލްކްލެސިކޯ މެޗުގައި ވާދަވެރި ބާސެލޯނާ އަތުން 4-0އިން ރެއާލް ބަލިވުމުން ކޯޗުކަމުން ރަފާ ބެނީޓޭޒް ވަކިކުރަން އުޅޭ ވާހަކަ ފެންމަތިވުމުންނެވެ.

މެޗުގައި ބާސެލޯނާ އަތުން ރެއާލް ބަލިވާން ފެށުމުން ރެއާލްގެ ސަޕޯޓަރުން ވަނީ ބެނީޓޭޒް ކުލަބުން ދުރަށް ދިއުމަށް ގޮވާލައިފަ އެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މަލާމާތްކޮށް، ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަށް ތައުރީފްކޮށްފަ އެވެ.

މިއާއެކު ބެނީޓޭޒްގެ މަގާމު ވެސް ވަނީ ސުވާލު މާކެއްގެ ތެރެއަށް ވެއްޓިފަ އެވެ. ނަމަވެސް ޒިދާން ބުނީ އޭނާ އަދި ހެޑްކޯޗުކަމާ ހަވާލުވާން ތައްޔާރުނޫން ކަމަށެވެ.

"އަހަރެން ހުސްވި ސީޒަނަށް ފަހު ނިންމިން އަހަރެން އަދި ހެޑްކޯޗުގެ މަގާމާ ހަވާލުވާން އަވަސް ކަމަށް. އަހަރެންގެ ކިބާގައި އަދި ވަރަށް ގިނަ ކަންތައްތައް މަދު. އަހަރެން އަދި ތައްޔާރެއްނޫން ތި މަގާމާ ހަވާލުވާން،" ޒިދާން ބުނެފައިވެ އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަނަށް ރެއާލްގެ ހެޑްކޯޗުކަން ދިނުމަށް ކުރީގެ ބައެއް ތަރިން ތާއީދު ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބާސެލޯނާގެ ކެޕްޓަންކަން ކުރި ބްރެޒިލްގެ ރިވާލްޑޯ އެވެ.

"ހެޑްކޯޗުކަން ދޭންވީ މިހާރު ޒިދާނަށް. އެ މަގާމަށް މިހާރު އެންމެ ރަނގަޅުވާނީ އޭނާ. އެއީ މިހާތަނަށް ބާސެލޯނާ ވެސް ކަންތައް ކުރިގޮތް. ހެޑްކޯޗުކަން ދިނީ ގާޑިއޯލާ އާއި ލުއިސް އެންރީކޭ އަށް،" ބާސެލޯނާ އަށް ކުޅެ، ފަހުން އެކުލަބުގެ ޔޫތު ޓީމުގައި ތިބި ދެ ކޯޗުންނަށް އިޝާރާތްކޮށް ރިވާލްޑޯ ބުންޏެވެ.

އަދި ރޮނާލްޑޯ އާއި ބެނީޓޭޒްގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުނުކޮށް ރެއާލް އަށް ކާމިޔާބު ނުލިބޭނެ ކަމަށް ރިވާލްޑޯ ގަބޫލުކުރެ އެވެ. ސްޕޭނުގެ ނޫސްތަކުން ވެސް ވަނީ މިގޮތަށް ބުނަން ފަށައިފަ އެވެ.