ބޭރު ކުޅިވަރު

ބެނީޓޭޒަށްވުރެ އެންޗެލޯޓީއާ އޮތީ ގާތްގުޅުމެއް: ރާމޯސް

ކާލޯ އެންޗެލޯޓީ އާއި ރަފާބެނީޓޭޒް ކުރެ ރެއާލް މެޑްރިޑުގެ ކުޅުންތެރިންނާ ގާތްގުޅުމެއް އޮތީ އެންޗެލޯޓީއާ ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާ އަތުން ހޮނިހިރު ދުވަހުގެ ރޭ 4-0އިން ބަލިވެ، ބާސެލޯނާ އަށްވުރެ ހަ ޕޮއިންޓް ފަހަތަށް ރެއާލް މެޑްރިޑް ވެއްޓުނު މެޗަށް ފަހު އިއްޔެ އެވެ. އޭނާ މި ގޮތަށް ވާހަކަ ދެއްކީ ބެނީޓޭޒާއި ކުޅުންތެރިން މައްސަލަޖެހިފައިވާ ކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ.

"އެންޗެލޯޓީއާއެކު މަސައްކަތްކުރިއިރު އޭނާ އާއި ކުޅުންތެރިންނާ އޮތީ ވަރަށް ގާތް ގުޅުމެއް. އަހަރުމެން އޭނާއާއެކު ދެ އަހަރު މަސައްކަތް ކުރިން. އެކަމަކު ބެނީޓޭޒްއާ ވެސް ގުޅުން ރަނގަޅު،" ރާމޯސް ބުންޏެވެ.

ލިވަޕޫލާއި ވެލެންސިއާ އަދި ޗެލްސީ އާއި އިންޓަމިލާނުގެ ކުރީގެ ކޯޗު ބެނީޓޭޒް ރެއާލްގެ ކޯޗަކަށް ގެނައީ އެންޗެލޯޓީ ވަކިކުރުމަށްފަހު އެވެ. އެކަމާ ރެއާލްގެ ކުޅުންތެރިން ހިތްހަމަނުޖެހޭއިރު މިކަމާ އެންމެ ނުރުހިފައި ހުރެ އެކަން އާއްމުކޮށް އިއުލާނުކުރި ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބެނީޓޭޒްއާ އެންމެ ބޮޑަށް މައްސަލަޖެހިފައިވާ ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ ކަމަށްވެ އެވެ. އަދި ބާސެލޯނާ އަތުން ބަލިވުމުގެ ޒިންމާ ކުޅުންތެރިން އަޅުވަމުންދަނީ ބެނީޓޭޒްގެ ބޮލުގައި ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

"ވަކިމީހެއްގެ ބޮލުގައި މިކަން އަޅުވާކަށް ކުޅުންތެރިން ބޭނުމެއްނޫން. އަހަރުމެންނަށް ނުކުޅެވޭ މެޗުގައި. ބާސެލޯނާ އަށް ވަރަށް ފަސޭހަ މެޗަކަށްވީ. މިވަގުތު އެންމެން އެކުވެރިވެ، އަލުން ޓީމެއްގެ ގޮތުގައި ނުކުތުން އެންމެ މުހިންމީ. އެވަގުތު ޓީމުގައި ހުރި ކޯޗެއް ގަބޫލުނުކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް،" ރާމޯސް ބުންޏެވެ.

އޭނާ ބުނީ ބައެއް ފަހަރު ކުޅުންތެރިންނާއި ކޯޗާއި ކުލަބުގެ ރައީސަށް ވެސް ސަޕޯޓަރުން ނުރުހުން ފާޅުކޮށް، ޖެއްސުން ކުރާނެ ކަމަށާއި އެއީ ފުޓްބޯޅައިގެ ސަގާފަތް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ ސަޕޯޓަރުން ކޯޗަކަށް ބޭނުންވަނީ ބެނީޓޭޒް ކަމަށެވެ.