ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުން މަނާކުރާ ބިލް ކޮމެޓީން ފާސްކޮށްފި

Nov 23, 2015

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލުމާއި ހިތްވަރު ދިނުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ފާސްކޮށްފި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅި މި ބިލުގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރަން ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ.

އަދި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލު ކަމަށެވެ.

އެފަދަ ކުށެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރި ފަރާތުގެ މައްޗަށް މަދަނީ ދައުވާ ކުރެވެ އެވެ. މިފަދަ އަމަލެއް ހިންގި ފަރާތަކުން އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަދަ ފަރާތެއް ދެ އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ނުވަތަ ގޭ ބަންދު ކުރެވިދާނެ އެވެ.
އެފަދަ ފަރާތަކުން ބައިވެރިވި މިންވަރަކަށް ބަލައި އެ ފަރާތެއް ފަސް ލަައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު އެފަދަ ފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލުކޮށް ދައުލަތުން އަރުވާފައިވާ ޝަރަފުތައް އަނބުރާ އަތުލުމުގެ ބާރު ލިބެ އެވެ.