މަސީ

ފުލުސް ބޮޑު މަޝްރޫއު ދިވެހި ކުންފުންޏަކާ ހަވާލުނުކުރާތީ މަސީން ކަންބޮޑުވުން ފާޅުކޮށްފި

ދިވެހި ފުލުހުންގެ ތާރީހުގައި ވެސް އެ މުއައްސަސާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ނުގެންދާތީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަސީގެ ނާއިބު ރައީސް އަދުނާން ހަލީމް އަވަސްއަށް ވިދާޅުވީ ފުލުހުންގެ ބޮޑު މަޝްރޫއަކަށް ރާއްޖެއިން އެކަށީގެންވާ އަދަދަކަށް ކޮންސްޓްރަކްޝަން މަސައްކަތްތެރިން ނުލިބިދާނެ ކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ ބޮޑު ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު ހިންގުމާ ރާއްޖޭގެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކި އުސޫލެއްގެ ދަށުން ބޭރު މީހުން ގެނައުމާ ތަފާތު އެބަހުރި ކަމަށެވެ. އަދި ބޭރު ދައުލަތަކުން ދިވެހި ދައުލަތަކަށް އެހީ ދީގެން މަސައްކަތް ކުރާ ކަމަށްވިޔަސް ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރެވޭނެ ގޮތެއް އޮންނަންވާނެ ކަމަށެެވެ.

"އޭރުން ދިވެހިންގެ ތެރެއިން ކޮންމެވެސް ވަރެއްގެ ބަޔަކަށް ފައިސާ ލިބެމުންދާނެ. ރާއްޖެއަށް އެކިގޮތްގޮތުން އޭގެ ފައިދާ ކުރާނެ. ދިވެހި ވިޔަފާރިތަކަށް ހިނގާނެ. ދިވެހިން ވިޔަފާރިކުރީމަ ބޮޑުކަމަކީ ދިވެހިންގެ ލޮޖިސްޓިކް ކަންތައްތަކާއި ރާއްޖޭގެ ފިހާރަތަކުން ތަކެތި ގަތުމާއި މިބާވަތުގެ އެތައް ކަމެއް ހިނގަމުންދާނެ. އިންޑިއާގެ ކުންފުންޏަކުން މީހުން ގެނެސްގެން މަސައްކަތް ކުރާކަަމަށް ވަންޏާ ރާއްޖޭގެ އެެއްވެސް ވިޔަފާރިއަކަށް އެނގުމެއް ނުވާނެ. އެމީހުން ބޭނުންވާ ހުރިހާ އެއްޗެއް އިމްޕޯޓްކުރާނީ. " އަދުނާން ވިދާޅުވި އެވެ.

މިދިޔަ މަހު 17 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްއާ އެކު ސޮއިކުރި މަޝްރޫއުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް އަޅާނެ އެވެ. އެ މަޝްރޫއަށް އިންޑިއާގެ 500 މަސައްކަތު މީހުންނާއި 100 އިންޖިނިއަރުން ރާއްޖެ ގެންނަން ވަނީ ނިންމައިފަ އެވެ.

އަދުނާން ވިދާޅުވީ ދިވެހި ކުންފުނިތައް މަސައްކަތް ކުރާއިރު ބޭރު މީހުން ގެނައުމާ ފުލުސް މަޝްރޫއަށް މީހުން ގެންނަ އުސޫލުގައި ވެސް ވަރަށް ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އެގޮތުން ދިވެހި ކުންފުނިތަކުން މަޝްރޫއުތަކަށް ގިނަ ފަހަރު މަސައްކަތްތެރިން ގެންނާނީ އެއް ގައުމަކުން ނޫން ކަމަށާއި އަދި ކޯޓާއެއް ހޯދައިގެން ވަކި އަދަދަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފުލުސް ބޮޑު މަޝްރޫއުގެ ދަށުން 61 ޕޮލިސް ފެސިލިޓީ އާއި އިމަރާތް އަޅާއިރު އޭގެ ތެރޭގައި ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީ އާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރާނެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް މިމަޝްރޫއުގައި ހިމެނެ އެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާ ދިވެހި ފުލުހުންނާ ހަވާލުކުރަން ވަނީ ނިންމާފަ އެވެ.