ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާ މައްސަލަތަކުގައި އެއްވެސް މީހަކު ތަފާތުކޮށްގެން އަމަލުކޮށްފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިހެން ބުނެފައި މިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށް މިނިސްޓަރަށް ދައުވާކޮށްދިނުމަށް އޭސީސީން މައްސަލަ ފޮނުވި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލާގައި ޕީޖީ ވަކި ގޮތެއް ނުނިންމަވާތީ އެ އޮފީހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެއްކާއި ގަރީނާ އަކީ ގާނޫނާ އެއްގޮަތަށް ހޯދާފައިވާ ހެއްކާއި ގަރީނާކަން އެ އޮފީހުން ކަށަވަރު ކުރާނެ ކަމަށެވެ.
"[މަހްލޫފް]ގެ މައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނަން. މި އޮފީހުން އެއްވެސް މީހަކާ މެދު ނުހައްގުން އަމަލު ނުކުރަން، މިކަމުގައި އެއްވެސް އިސްތިސްނާ އެއްނެތް،" މަހްލޫފާ މެދު ތަފާތު ކުރާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ޝަފީއު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގީ އިދާރާތަކާ އެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާ ކަމަށެވެ.
މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެފަދަ ކަމެއް ކަމަށާއި އެކަމަކު އެއީ މިނިސްޓަރު މަހުލޫފާ މެދު ތަފާތު ގޮތަކަށް އަމަލުކުރުން ނޫން ކަމަށެވެ.
ޕީޖީ އޮފީހަށް އަމާޒުކުރައްވާ މަހްލޫފް ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝަފީއު ވިދާޅުވީ ތުހުމަތުކުރެވޭ ފަރާތުން އެ އޮފީހަށް ނިސްބަތްކޮށް ކުރައްވާ ތުހުމަތުތަކަކީ މައްސަލައިގައި ތުހުމަތުކުރެވޭ ބޭފުޅެއްގެ ހައިސިއްޔަތުން އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތް ކަމަށް ވެދާނެ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގާނޫނާ ހިލާފަށް އެއްވެސް މީހަކާ މެދު އަމަލު ނުކުރާނެކަމުގެ ކަށަވަރުކަން އަރުވަން،" ޝަފީއު ވިދާޅުވެފައިވެ އެވެ.