މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގެ އެއްވެސް މައުލޫމާތެއް ނުގެއްލޭ: ޝަރީފް

Aug 15, 2021

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑޭޓާބޭސްގައި ރައްކާކުރެވިފައިވާ އެއްވެސް މައުލޫމާތެއް ސިސްޓަމުން ފޮހެލެވިފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިހެން ބުނެފައި މިވަނީ އެ އިދާރާގެ ޑޭޓާބޭސްގައި ރައްކާކޮށްފައިވާ ހުރިހާ މައުލޫމާތެއް "ޑިލީޓް" ވެފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި އެ ވާހަކަތައް ރިޕޯޓް ކުރުމާ ގުޅިގެންނެވެ

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވީ އެ އިދާރާގެ ޑޭޓާބޭސްގައިވާ މައުލޫމާތުތައް ފޮހެލާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ އަމިއްލަ ބޭނުމަކަށް އިދާރީ ބައިގައި ބޭނުންކުރި ފައިލްތަކެއްގައި ރޭގެ ވަގުތެއްގައި މައްސަލަތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އެ ފައިލްތައް ވެސް މިހާރު ރިކަވާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޑޭޓާބޭސްގައިވާ މައުލޫމާތުތައް އެއްކޮށް ޑިލީޓްވި ނަމަ އަޅުގަނޑުމެންނަށް މިއަދު ހިދުމަތް ވެސް ނުދެވޭނެ ނޫންތޯ؟ އަނެއްކާ އަޅުގަނޑުމެންގެ ކްލަޔަންޓުންގެ ފަރާތުން ވެސް އެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުންނާނެ ނޫންތޯ އެކަހަލަ ކަމެއް ވެއްޖެނަމަ. އެކަމަކު މިއަދު ވެސް ހަމަ ވަރަށް ސުމޫތުކޮށް އަޅުގަނޑުމެން ހިދުމަތް ދެމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

ކަސްޓަމްސްގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ އެ އިދާރާ އަކީ އެތައް ހާސް ބައެއްގެ ވިޔަފާރިއާއި ގުޅޭ އެތައް މައުލޫމާތެއް ރައްކާކޮށްފައި ހުރި އިދާރާ އަކަށް ވާތީ އެތަނުގެ ޑޭޓާބޭސް އަށް ދީފާނެ ގެއްލުމަކަށް ބަލައި އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުންނާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ފަހު ދައުލަތަށް އެންމެ ގިނަ އާމްދަނީ ހޯދައިދޭ އިދާރާ އަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. މީގެއިތުރުން ކަސްޓަމްސް އަކީ ދައުލަތުގެ އިންޓެލިޖެންސް އިދާރާތަކުގެ ތެރޭގައި ވެސް ހިމެނޭ އިދާރާ އެކެވެ.