މޯލްޑިވްސް ނޭޝަނަލް ޕާޓީ

ޓީވީ ޕްރެޒެންޓަރު އަނޫޝް އެމްއެންޕީއަށް

Aug 15, 2021
2

ޓީވީ ޕްރެޒެންޓަރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަން އަހްމަދު އަނޫޝް މޯލްޑްވިސް ނެޝެނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރުކަންވަސް ކުރައްވާފައިވާ އަނޫޝް އެމްއެންޕީއާ ގުޅިވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ކޮމިނިއުކޭޝަންސް އާއި މީޑިއާ ދާއިރާގެ އެކި ފަންނުތަކުގައި 15 ވަރަކަށް އަހަރު ހޭދަ ކުރައްވާފައިވާ އަނޫޝް އަކީ ވާހަކަދެއްކުމުގެ ދާއިރާގައިވެސް ހުނަރުވެރި އަދި އެ ދާއިރާ އަށް މީހުން ތަމްރީންކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އަނޫޝް އަކީ މީޑިއާ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެންޕީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހޯދަން އެ ޕާޓީން މިހާރު އަތޮޅުތަކުގައި ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

އެމްއެންޕީގެ އެއް ފައުންޑާ ނާޒިމް އަވަސް އަށް މިއަދު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ގޮތުން ސޮއި ހޯދަން ކުރިން މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް 4000 އަށް ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށެވެ.

"އެ ހުރިހާ ފޯމެއް އަންނަ މަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނަން. ދެން އަޅުގަނޑުމެންގެ ޓާގެޓެއް 10،000 މެމްބަރުން ޕާޓީއަށް ހަމަކުރުން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަވާނެ" ނާޒިމް ވިދާޅުވި އެވެ.

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު އާއި އެ ކައުންސިލްގެ މެންބަރު އަލީ އައްސަދު ވެސް އިއްޔެ ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންފަ އެވެ. ހަމަ އެހެންމެ ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް އެހެން ބޭފުޅުންނާއި ތައުލީމީ އަދި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ގެންދަވަނީ އެމްއެންޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަކީވެސް އެ ޕާޓީގެ މެންބަރުންނެވެ. އެމްއެމްޕީން ބުނެފައިވަނީ މަޖިލީހުގެ އިތުރު ދެ މެންބަރަކުވެސް އެ ޕާޓީއާ އަދި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.