ރައްޔިތުންގެ މަޖިލިސް

ޝިއުނާގެ މައްސަލަ ބަލަން ހުށައަޅައިފި

އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ހިޔާނާތްތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި އަތްޕުޅުގައި އެބަހުރި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ޝިއުނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް ހުށައަޅައިފި އެވެ.

މި މައްސަލަ އެ ކޮމެޓީއަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އުޝާމް މިރޭ ވިދާޅުވީ މިނިސްޓަރު މަހުލޫފްގެ ތުހުމަތަކީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް ކުރެއްވި ވަރަށް ސީރިއަސް ތުހުމަތެއް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގެ ހަގީގަތް ހޯދައި ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް އެޖެންޑާ ކޮށްދިނުމަށް ވާނީ އެދިފައި،" އުޝާމް ވިދާޅުވިއެވެ.

ކްލަބްހައުސްގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ އައްސަދާއި ޝިއުނާ އުޅުއްވަނީ ބޭރުފުށުން އިހްލާސްތެރި އަދި ނަޒާހަތްތެރި ބޭފުޅުން ކަމަށް ހެދިގެން ކަމަށެވެ. އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ބައިވަރު ހެކި އަތްޕުޅުގައި ހުރި ކަމަށާއި އެ ބޭފުޅުންގެ "އިންޓެގްރިޓީ" ގެއްލޭނެފަދަ ޗެޓް ލޮގްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ސިޔާސީ ބޭނުމަކަށް ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތަށް އައްސަދާއި ޝިއުނާ ވެސް އެއްބާރުލުން ދެއްވަމުން އަންނަ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ތުހުމަތުގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވެގެން ދާނެ އެތައް ވާހަކައެއް ހާމަކުރައްވާނެ ކަމަށް މަހްލޫފްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަން ވަކި ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހުދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް އެމީހުންނަކީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެއީ އޭނާ މަގާމުން ވަކިކުރަން ބޭނުންވާ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. ޖަލަށް ނުލެވޭނެ ކަމަށާއި ކުރެވޭނެހާ ވެސް ކަމަކީ މަގާމުން ވަކިކުރުން ކަމަށްވެސް ވިދާޅުވި އެވެ.