މޯލްޑިވްސް ޕޮލިސް ސާވިސް

ފަތުރުވެރިއެއްގެ 10،000 ޔޫރޯ ވަގަށް ނަގައިފި

Aug 16, 2021

ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ދޮޅު ލައްކައަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފަތުރުވެރިޔާގެ ލަގެޖުން ވަގަށް ނަގާފައި ވަނީ 10،000 ޔޫރޯ ކަމަށެވެ. އެއީ 184،000 ދިވެހި ރުފިޔާ އެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހުން ވަގަށް ނެގި 10،000 ޔޫރޯ ހޯދުމަށްފަހު އެ ފައިސާތައް ވެރިފަރާތާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ..

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.