ފެމިލީ ކޯޓް

ރާއްޖޭގައި ތިބެ ބޭރުގެ މައުޛޫނުން ލައްވާކުރާ ކައިވެނި ރަޖިސްޓްރީ ނުކޮށްދޭން ނިންމައިިފި

ރާއްޖޭގައި ތިބެ ބޭރުގެ މައުޛޫނުން ލައްވާ ކުރާ ކައިވެނި ފެމިލީ ކޯޓްގައި ރަޖިސްޓްރީ ކޮށް ނުދޭން ނިންމައިިފި އެވެ.

ފެމިލީ ކޯޓްގެ އެސިސްޓެންޓް ޑިރެކްޓަރު ސޮއިކުރައްވާ މިއަދު ނެރުއްވި އިއުލާނެއްގައި ބުނެފައިވަނީ ކައިވެނި ކުރެވޭ ދެ މީހުން ނުވަތަ ދެ މީހުން ކުރެ މީހަކު ރާއްޖޭގައި ހުރެ ބޭރުގެ ޖަމާއަތްތަކާއި ގުޅިގެން އެ ޖަމާއަތުގެ މައުޛޫނުން ލައްވާ ކުރާ ކައިވެނިތައް ރަޖިސްޓްރީ ނުކޮށްދޭން ނިންމާފައިވާ ކަމަށެވެ. ފެމިލީ ކޯޓްގެ އެ ނިންމުމަށް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.

ފެމިލީ ކޯޓުން ވަނީ އެ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކާއި ގަޑިތަކަށްވެސް ބަދަލު ގެނެސްފައެވެ. މިހާރު ހަފްތާގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭނެ އެވެ. ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނި ކޮށް ދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮންނާނެ އެވެ.

ކޯޓްގައި ކައިވެނި ކުރެވޭ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު 1:30 ގައެވެ. އަދި ނުރަސްމީ ގަޑިއަކީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. މި ވަގުތުތަކުގައި އޮންލައިންކޮށާއި ކޯޓަށް ހާޒިރުވެގެންވެސް ކައިވެނި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.