އާރްޑީސީ

އާރުޑީސީ ފަަޅަނީ އިދިކޮޅުން ކަމަަށް ތުހުމަތު ކޮށްފި

އާރުޑީސީގެ އޮފީސް ފަޅަމުން ދަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ތުހުމަތު ކުރައްވައިފި އެވެ.

އާރުޑީސީ ވަނީ ތިން ފަހަރެއްގެ މަތިން ފަޅާލާފައެވެ. ރޭ ފަތިހުވެސް ވަނީ އެ ކުންފުނީގެ އޮފީސް ފަޅާލާފައެވެ.

އާރުޑީސީ ފަޅާލުމާއި ގުޅިގެން މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ މީހުން ބޭނުން ކޮށްގެން އިިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަަށް ތުުހުމަތު ކުރެވޭ ކަމަަށެވެ. މިހާތަނަށް އެ އޮފީސް ފަޅާލައިން ހައްޔަކުރި މީހުންގެ ތެރޭގައި ކުންފުނީގެ އެެއްވެސް މުވައްޒިފަކު ނުހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މޫކޭގެ އެ ތުހުމަތުތަކަށް ރައްދު ދީފައެވެ. އެ ކޯލިޝަނުން ދެންމެ ބުނީ ޕީޕީއެމް އާއި ޕީއެންސީއަކީ އެއްވެސް އިރެއްގައި ހުޅުޖަހާ ރައްޔިތުންގެ މުދަލަށް ގެއްލުން ދޭ ބައެއް ނޫން ކަމަށެވެ. އަދި މޫކޭގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވެއެވެ.