ރައްޔިތުންގެ މަޖިލިސް

ދެ ބިލެއް މަޖިލީހުގެ މިދައުރަށް ހުށަހަޅަން ވާނީ ފޮނުވާފައި: މަބްރޫކް

ސަރުކާރުން ސްޕޮންސާކުރާ ދެ ބިލެއް މަޖިލީހުގެވ މިދައުރުގެ ޖަލްސާތަކަށް ހުށަހެޅުމަށް ފޮނުވާފައިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގައި ބަހުސް ކުރާނެ ބިލުތަކެއް ނެތުމުން މަޖިލީހުގައި މިވަގުތު ކުރާނެ މާބޮޑު މަސައްކަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އީވާ މިއަދު ވިދާޅުވީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގައި ގިނަ ބިލުތަކެއްގެ ބަހުސް ނިންމި ކަމަށާއި އަދި އެ ބިލުތައް މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުގެ ބަދަލުގައި މިވަގުތު މަސައްކަތް ކުރެވެން އޮތީ ކޮމިޓީތަކުގައި ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ މިއަދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރަށް 32 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ސިޓީ އަކުން އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އެ ބިލްތައް މަޖިލީހުގެ އިދާރާ އަށް އަދި ލިބިފައެއް ނުވެ އެވެ.

އީވާގެ ވާހަކަތަކާ ގުޅިގެން މަބްރޫކް މިއަދު ވިދާޅުވީ މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލްތަކުގެ ތެރެއިން ދެ ބިލެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފޮނުވާފައިވާނެ ކަަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއް މެދުވެރިކޮށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުވާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެވެ.

މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ނިންމި 32 ބިލުގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލާއި، ހެއްކާ ބެހޭ ބިލުގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނިއުސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ބިލު ފަދަ މުހިންމު ބިލުތައް ހިމެނެ އެވެ. ނަމަވެސް އެ ބިލުތައް މަޖިލީހަށް ފޮނުވާނެ ސީދާ ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ބިލުތައް ފޮނުވަން ލަސްވާ މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.