ލައިފްސްޓައިލް

ކޮކާ ކޯލާ ފެންގަނޑެއްގައި ފަތާލާހިތް ދުވަހަކުވެސް ވިތަ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުދުރަތީ އަޖައިބުތައް ބައިވަރެވެ. ބައެއް ތަންތަން ފެނުމުން އެއީ އަސްލު ތަނެއްކަން ގަބޫލުކުރަން ވެސް ދަތިވާ ކަހަލަ އަޖައިބުތައް ބައެއް ގައުމުތަކުގައި އެބަހުއްޓެވެ. މިފަދަ އަޖައިބުން ފުރިގެންވާ ވަރުގެ ކޯރެއް ބްރެޒީލްގައި އެބައޮތެވެ. މި ކޯރުގެ އެންމެ ޚާއްސަ ކަމަކީ ކުލަ އެވެ.

ކޮކޯ ކޯލާ ފެންގަނޑެއްގައި ފަތާލަން ބޭނުންވާ މީހުންނަށް މިއީ އެމީހުންގެ ހުވަފެން ހަގީގަތަކަށް ހެދިދާނެ ކޯރެކެވެ. ސަބަބަކީ ކޯރުގައިވާ ފެނުގައި ހުންނަނީ ކޮކާ ކޯލާ ކުލަ ކަމަށް ވާތީ އެވެ.

މި ކޯރުގެ ކުލަ ކޮކާ ކޯލާ އާ ވައްތަރުކަމުން ކޯރަށް ނަން ދީފައިވަނީ ވެސް ކޮކާ ކޯލާ ލެގޫންގެ ނަމުންނެވެ. މި ކޯރު އޮންނަނީ ބްރެޒީލްގެ ރިއޯ ޑެލް ނޯޓޭ ގައެވެ.

އެ ކޯރުގެ ކައިރިއަށް ދެވުމުން އެއީ ކޮކާ ކޯލާ ދެމޭ ކޯރެކޭ ހިތަށް އަރާނެ އެވެ. މިއީ ހޫނު މޫސުމަށް ގިނަ ބަޔަކު ފަތާލަން ޒިޔާރަތްކުރާ ބްރެޒީލްގައި ވަރަށް މަޝްހޫރު ކޯރެކެވެ.

ކޯރުގެ ކައިރިފަށުގައި ފަޅާފައި ހުރި ވިނަ ފާޑުގެ ދިގުކޮށް ހެދިފައި ހުރި ގަސްތަކާއި ކޯރުގެ ފެނުގައި އެކުލެވޭ އަޔޯޑިން އާއި އަޔަންގެ ސަބަބުން ކޯރަށް މި ކުލަ އަރަނީ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެފައި ވެއެވެ.

މި ކޯރުގެ ކުލަ މިގޮތަށް އަންނާތީ ކޯރުގެ ވާހަކަ ގިނަ ބަޔަކަށް އިވި ބޭރު ގައުމުތަކުގެ ގިނަ ފަތުރުވެރިން ވެސް މި ކޯރު ބަލާލަން ބްރެޒީލް އަށް ޒިޔާރަތް ކުރެ އެވެ.

ހޫނު މޫސުމުގައި ކޮކާ ކޯލާ ލެގޫންގެ ފެންގަނޑު ވަރަށް ބޮޑަށް ހޫނުވެ އެވެ. އެހެންވެ ގިނަ ބަޔަކު މި ފެންގަނޑަށް އެރި ފަތާލައި ބޯޓު ދުއްވާލާ ހަދަން ބޭނުން ވެއެވެ.

ބައެއް މީހުން މި ކޯރަށް އެރެނީ ކޯރުގައި ފަތާލުމުން ސިއްހަތަށް ފައިދާ ކުރާ ކަމަށް ގަބޫލު ކުރާތީ އެވެ. އެފަދަ މީހުން ބުނަނީ ފެންގަނޑަށް މި ކުލަ އަރާ ކެމިކަލް ކޮމްބިނޭޝަނުން އިންސާނުންނަށް ވެސް ޕޮޒިޓިވް އަސަރުތަކެއް ކުރާ ކަމަށެވެ.