ރައްޔިތުންގެ މަޖިލިސް

241 ކޮމިޓީއަށް އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފި އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ 241 ކޮމިޓީއަށް އެންމެ ފަހުން އައި ބަދަލު އިއުލާންކުރައްވާފަ އެވެ.

އެގޮތުން 241 ކޮމިޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގައި އަލީ ހުސައިން ހަމަޖައްސަވާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

މީގެ ކުރިން 241 ކޮމިޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ. ނަމަވެސް އޭނާ ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި މޯލްޑިވްސް ނެޝެނަލް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

މަޖިލީހުގެ މި ދައުރު ފެށިފަހުން (241 ކޮމިޓީ) އަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވެސް އަލުން ވަނީ ހަމަޖައްސައިފަ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ބަލައި މަޖިލީހަށް ފެންނަ ހުށަހެޅުންތައް ހުށަހެޅުމެވެ.

ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދުގެ ދަށުން އުފައްދާފައިވާ ކޮމިޓީގައި ހުރިހާ ޕާޓީތަކުންނާއި މިނިވަން މެމްބަރުންވެސް ޝާމިލުވެ އެވެ.