ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުން ލޯނު ނަގައި ލޯނު ދޫކުރެވޭ ގޮތް ހަދަނީ

ލޯކަލް ކައުންސިލްތަކުން ލޯން ނަގައި ލޯން ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ބިލުގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ކަންކަން އިސްލާހުކުރުމައްޓަކައި މާލިއްޔަތު ގާނުނު އިސްލާހުކުރުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހުގެ ދަށުން ވަކި ކައުންސިލަކަށް އެ އަހަރު ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ އެއްބަސްވާ ގޮތުގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެ އެވެ.

ހަމަ އެހެންމެ އެއް ކައުންސިލަކުން އަނެއް ކައުންސިލަށް ދޫކުރާ ފައިސާ ނުދައްކާނަމަ، ދައުލަތުން އެ ކައުންސިލަށް ދޫކުރާ ފައިސާ އުނިކުރެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ދޫކުރާ ލޯނުގެ ތަފްސީލު މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ފިނޭންސް މިނިސްޓްރީއާ ގަވައިދުން ހިއްސާ ކުރަން ބިލްގައި ހިމަނާފައިވެ އެވެ.

ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނެގޭނެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ދަރަންޏަށް ފައިސާ ނެގޭނީ ރަށް ނުވަތަ އަތޮޅުގެ ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާ މަޝްރޫއެއް ހިންގުމަށެވެ. އަދި އެ ލޯނު ނެގުމަށް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކޮށް، ކަމާ ގުޅޭ ވަޒީރަށް ހުށަހަޅައި ވަޒީރުގެ ހުއްދަ އެކަމަށް ހޯދަންޖެހެ އެވެ. ވަޒީރު ހުއްދަ ދެއްވައިފިނަމަ ލޯނު ނަގަން ކައުންސިލްތަކުން ގެރެންޓީއެއްް ދެވިދާނެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުން ނަގާ ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ކައުންސިލަކުންނެވެ. އަދި އެ ދަރަންޏެއް ނެގި ޕްރިންސިޕަލް އަދަދާއި އެއަށް ދޭން ޖެހޭ އިންޓަރެސްޓާއި އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ ހަރަދުތައް ކައުންސިލްގެ ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެ މަތީން ދޭން ވާނީ އެ ކައުންސިލްގެ ބެޖެޓުން ކަަމަށް ބުނެފައިވެ އެވެ.

ރަށް ނުވަތަ ސިޓީގެ ތަރައްގީއާ ގުޅޭ މަޝްރޫއުތައް ހިންގުމަށްޓަކައި އަމިއްލަ ޖަމިއްޔާއާއި ޖަމާއަތްތަކަށް ކައުންސިލުން ފައިސާގެ އެހީ ދެވިދާނެ ކަމަށްވެސް ހުށަހަޅާފައިވާ އިސްލާހުގައިވެ އެވެ.