ބޮލީވުޑް

ކިއާރާއާއެކު ވަގުތު ހޭދަކުރަން ލޯބިކުރަން: ސިދާރްތު

"ޝޭރްޝާހް" ގައި ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާގެ ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށް ފިލްމު ބެލި އެންމެން ވެސް އެއްބަސްވެ އެވެ. މި ފިލްމުގެ ޝޫޓިން ފެށީއްސުރެ ސިދާރްތު އާއި ކިއާރާގެ ލޯބީގެ ވާހަކަތައް ދެކެވެމުން އައިސްފައި ވެއެވެ.

ކެޕްޓަން ވިކްރަން ބަޓްރާއި ޑިމްޕަލް ޗީމާގެ ލޯބީގެ ވާހަކަ ކިއާރާ އާއި ސިދާރްތު ވަރަށް ފުރިހަމަ އަށް ގެނެސްދިނުމުގައި މި ދެ އެކްޓަރުންނަށް ކާމިޔާބުވީ ހަގީގަތުގައި ވެސް އެ ދެ މީހުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް އެމީހުންގެ ފޭނުން ގަބޫލުކުރެ އެވެ.

ސިދާރްތު ވެސް އަދި ކިއާރާ ވެސް އެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދައްކަން ބޭނުމެއް ނުވެ އެވެ. ނަމަވެސް "ޝޭރްޝާހް" ރިލީޒްކުރުމާ ދިމާކޮށް ސިދާރްތު ދީފައިވާ އިންޓަވިއު އެއްގައި ވަނީ އޭނާ އާއި ކިއާރާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސިދާރްތު ބުނީ ކިއާރާ އަކީ ވަރަށް ތެދުވެރި އެހާމެ ސިމްޕަލް އެކްޓަރެއް ކަމަށެވެ. އަދި އޭނާ ކޮންމެ މަންޒަރެއް ވެސް ޝޫޓް ކުރަނީ ފުރިހަމަ އިތުބާރު އޮވެގެން ކަމަށެވެ. އެ ފިލްމުގައި ކިއާރާ ބައިވެރިކުރަން އެމީހުން ތިބީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަން ކަމަށް ވެސް ސިދާރްތު ބުންޏެވެ. އަދި ފިލްމުގައި ކިއާރާ ކުޅެފައިވަނީ އަސްލު ކެރެކްޓާއަކަށް ވާތީ އެ ކެރެކްޓާގެ ތޯހިރު މާތް ގޮތްގަނޑު ކިއާރާ ވަރަށް ފުރިހަމައަށް ދައްކައިދީފައިވާ ކަމަށް ސިދާރްތު ބުންޏެވެ.

ކެމެރާ ކުރިމަތީގައި ނޫނަސް ލިބޭ ހުސް ވަގުތު ވެސް ދެމީހުން އެކުގައި ހޭދަކުރަން ލޯބިކުރާ ކަމަށް ސިދާރްތު ބުންޏެވެ. އަދި އިންޑަސްޓްރީގައި އެކުގައި އެތައް އަހަރަކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާތީ އެކަކު އަނެކަކާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށް ސިދާރްތު ބުންޏެވެ.

އޭނާ އާއި ކިއާރާ އުޅެނީ ރައްޓެހިވެގެން ކަމަކަށް ކަނޑައެޅިގެން ސިދާރްތު ނުބުނެ އެވެ. ނަމަވެސް ދެ މީހުން އެކުގައި ވަގުތު ހޭދަކުރަން ލޯބިކުރާ ކަމަށް ބުންޏެވެ.

މި ދެ ތަރިން އެމީހުންގެ ލޯބީގެ ގުޅުމަށް އެއްބަސް ނުވިޔަސް ރާއްޖެ އާއި ބޭރު ގައުމުތަކުގައި އެކުގައި ޗުއްޓީ ހޭދަކުރުމާއި އެކުގައި ޕާޓީތަކަށް ދިއުން ފަދަ ކަންކަމުން އެމީހުންގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަން ޔަގީންވެ އެވެ.