އެމްޑީޕީ

"ހަރަކާތް ފަށާނީ ދާއިރާތަކުގެ އިންތިހާބަށް ފަހު"

ރާއްޖޭ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފަށާނީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބަށް ފަހުގައި ކަމަށް ރައްޔިތުން މިޖިލީހުގެ ހެންވޭރު ހުނޅަގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތާގައި ގުޅިގެން އެޗްޕީއޭއިން ގިނަ އުސޫލުތަކެއް ގާއިމް ކުރި އެވެ. ނަމަވެސް ކޮވިޑ ނަންބަރުތައް ދަށްވުމުން މިހާރު ވަނީ ބޮޑެތި ލުއި ދީފަ އެވެ. މިއާއެކު ގިނަ ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ވަނީ ފަށާފަ އެވެ. އަތޮޅުތަކު ތެރެއަށް ވެސް ދަތުރުތައް ދަނީ ކުރަމުން ނެވެ.

ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ ސިޔާސީ ހަރަކާތް ފަށަނީ ކޮންއިރަކުންތޯ އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފަށާނީ ދާއިރާތަކުގެ އިންތިހާބަށް ފަހުގައި ކަމަށެވެ. ކޮންމެ ދާއިރާއަކަށް މެމްބަރުން ކަނޑައެޅުމުން ކެމްޕެއިން ކުރަން ފަސޭހަ ވާނޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިންތިހާބަށް ފަހު އަތޮޅުތެރެއަށް ވެސް ހަރަކާތްތައް ހިނގަން ދާން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށާއި މަގާމުން އެކަހެރި ކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަށް އެންގި އެންގުން މުރާޖައާ ކުރުމަށް ދެ ބޭފުޅުން ވަނީ ޕާޓީއަށް ހުށަހަޅުއްވާފަ އެވެ. މިކަމާ ގުޅޭ ގޮތުން ހަސަން ވިދާޅުވީ ޝަކުވާ ކޮމިޓީން އެކަން ބަލަމުންދާ ކަމަށެވެ.

އެމްޑީޕީން ވަނީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަ ކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އާންމު ކޮށްފަ އެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމެވި ކެންޑިޑޭޓުންނަށް ވަނީ ރަސްމީކޮށް އެކަން އަންގާފައެވެ. އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު 25 ގަ އެވެ.

މި ފަހަރުގެ ދާއިރާތަކުގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތް އޮތީ ހަދާފައެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ.