ހައުސިން ޔުނިޓް

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ފްލެޓްތައް ޖެނުއަރީގެ ނިޔަލަށް ދޫކުރާނެ: ހައުސިން

ގެދޮރުވެރިވުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓްތައް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ "ގެދޮރުވެރިކުރުމުގެ ސިޔާސަތު"ގެ ދަށުން އާންމުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން 2014 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މި ޕްރްގްރާމުގެ ދަށުން މި އަހަރު ހުޅުވާލި ފުރުސަތުގައި ފްލެޓް ދޫކުރާ ތިން ކެޓަގެރީއަކުން ޖުމްލަ 15500 އެއްހައި މީހުން ފޯމް ހުށަހެޅި އެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ލިބިފައިވާ ފޯމްތަކާ މާކްސްތައް އަލުން ޗެކް ކުރުމުގެ މަސައްކަތް ކަމަށެވެ.

ފޯމްތައް ރީޗެކް ކޮށް ނިންމުމަށް ފަހު ފޯމް ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ޒިޔާރަތްކުރަން ފަށާނެ އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ، ފޯމްތައް ރީޗެކް ކުރުމަށްފަހު ރޯދަމަސް ނިންމައި ގެތަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ. ނަމަވެސް ފޯމްތައް ރިޗެކް ކުރަން ގިނަ ދުވަސް ނެގުމުގެ ސަބަބުން ރޯދަ މަހަށްފަހު އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ޖެނުއަރީގައި ގެތަކަށް ޒިޔާރަތްކުރަން ނިންމީ ކުރިއަށް ދެން އޮތީ ޗުއްޓީ ދުވަސްވަރަށް ވުމުން ގިނަ ބަޔަކު މާލޭގައި ނުތިބޭނެ ތީއެވެ. އެހެންކަމުން ޖެނުއަރީމަސް ފެށުނުހާ އަވަހަށް އެ މިނިސްޓްރީގެ ޓީމްތަކުން ގެތަކުގެ ހާލަތު ބަލަން ގޭގެއަށް ދާނެ އެވެ. ގޭގެއަށް ދާ ޓީމްތައް އެކުލަވާލައި އެމީހުންނަށް ތަމްރީން ސެޝަންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފޯމް ހުށަހަޅަން ހުޅުވި ދާއިރާތައް:
- މާލޭގެ ރަށްވެހިންނާ ދަފްތަރުގައި ހިމެނޭ ފަރާތްތައް
- ރަށްރަށުގެ ރަޖިސްޓްރީގައި ތިބި، އެކަމަކު މާލެއަށް ދިރިއުޅުން ބަދަލުކޮށް މާލޭގައި އުޅޭ ފަރާތްތައް
- މާލޭގައި ބިމުގެ ދަތިކަން ތަހައްމަލުކުރާ ފަރާތްތައް (ދައުލަތަށް 600 އަކަފޫޓު މިލްކުވާ ގޮތަށް) މިލްކުވެރިކަމުގައިވާ ހުރިހާ ފަރާތްތައް އެއްބަސްވާނަމަ.

މި ދާއިރާތަކުގެ ތެރެއިން ފުރަތަމަ ބަޔަށް އަޅާ 440 ފްލެޓަށް 7،384 ފޯމް ހުށަހަޅާފައިވެ އެވެ. ދެވަނަ ބަޔަށް 330 ފްލެޓް އަޅާއިރު އެ ކެޓަގަރީއަށް 8241 ފޯމް ހުށަހަޅާފައިވެ އެވެ. އަދި ތިން ވަނަ ކެޓަގަރީއިންވެސް 330 ފްލެޓް ދޫކުރާއިރު، އެ ކެޓަގަރީން އަށް ފޯމް ހުށަހެޅީ ދެ އާއިލާއަކުންނެވެ.