އެމްޑީޕީ

ޕްރައިމަރީ ނެތި އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބޭނެ: ވަހީދު

އެމްޑީޕީގެ ނަމުގައި އެއްވެސް އިންތިހާބެއްގައި ވާދަ ކުރެވޭނީ އެ ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީއެއްގައި ވާދަކޮށް ކާމިޔާބު ހޯދައިގެން ކަަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ވަހީދު މިހެން ވިދާޅުވީ ކްލަބް ހަައުސްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. "އެމްޑީޕީ އިން ރިޔާސީ ޕްރައިމަރީއަކަށް ދާނެބާ، ނުދާނެބާ" މި ނަމުގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވެސް މަޖިލީހަށް އިންތިހާބަށް ވެސް އަދި ލޯކަލް ކައުންސިލް އިންތިހާބަށް ވެސް އެމްޑީޕީގެ ޓިކެޓް އެއްވެސް ބޭފުޅަކަށް ލިބިވަޑައިގަންނަވާނީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދައިގެން ކަމަށެވެ. އެ ނޫން ގޮތަކަށް އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ނުލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ނޫން ގޮތަކަށް އަމަލުކޮ ށްފިނަމަ އެކަމުން އެމްޑީޕީގެ ތަސައްވުރަށް ވަރަށް ބޮޑަށް ކިލަނބުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަލާމަތް ކުރީން ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނީމަ. އެކަން އެމަގުން ކޮށްފިނަމަ އެމްޑީޕީގެ ތަސައްވުރު ވަރަށް ބޮޑަށް ކިލަނބު ވެގެން ދާނެ،" ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ކުރިއަށް ގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށައި ރިޔާސީ އިންތިހާބެއް އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށެވެ.

މިއީ 2023 ގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާ އަދި ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެ މަނިކުފާނު ކަމަށް އެހާ ސާފުކޮށް ވިދާޅުވި ފުރަތަމަ ފަހަރެވެ.

ރިޔާސީ ޕްރައިމަރީއެއް ނެތި ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ޓިކެޓް ދިނުމާއި ބައެއް ބޭފުޅުން މިހާރުވެސް ފާޅުގައި ދެކޮޅު ހައްދަވައެވެ. ނަމަވެސް ބައެއް މެންބަރުން އެކަމަށް ތާއީދުކޮށްވެސް ވާހަކަ ދައްކަވައެވެ.

އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން އެކި ފަހަރު މަތިން ސުވާލު ކުރުމުން ވެސް ރައީސް ސޯލިހް އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އެންމެ ފަހުން އޮތް ޕްރެސްގައި ވެސް އެ ސުވާލު ދެ ފަހަރު އެމަނިކުފާނާ ކުރެއްވި އެވެ. އެ ދުވަހު ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް ދެ ޓާމަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮތުމުން އެއީ އެމަނިކުފާނަށްވެސް ބަންދުވެފައިވާ ފުރުސަތެއް ނޫން ކަމަށެވެ.