ވައްކަން

އޮފީހެއްގެ ދެ ތިޖޫރީ ފަޅާލައިފި

Nov 24, 2015

ޖަމާލުއްދީން ސްކޫލް ކައިރީގައި ހުންނަ "ކޫލް ލައިން" ނަމަކަށް ކިޔާ އޮފީހެއްގެ ތިޖޫރި ފަޅާލައި އިތުރު ތިޖޫރީއެއް ވަގަށް ނަގައިފި އެވެ.

އެ އޮފީހަށް ބަޔަކު ވަގަށް ވަދެފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ރޭ ކޫލްލައިން އޮފީސް ފަޅާލައި ބަޔަކު ވަދެ ދެ ތިޖޫރިއެއްގައި ހުރި ގިނަ އަދަދެްގެ ފައިސާ ނެގި މައްސަލައެއް އެ އިދާރާއަށް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޫލް ލައިނަށް ގެއްލުންވީ ސީދާ ކިހާ ވަރަކަށް ކަން ބުނަން އަދި ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ރޭ އެ އޮފީހަށް ވަން މީހުން އޮފީހުގައި ހުރި ތިޖޫރިއެއް ފަޅާލައި އަނެއް ތިޖޫރި ވަގަށް ނަގާފައިވާ ކަމަށެވެ. އެ ދެ ތިޖޫރީގައި ގާތްގަނޑަކަށް 80،000 ދިވެހިފައިސާ ހުންނާނެ ކަމަށް ކޫލް ލައިނުން ބުނި ކަމަށެވެ. އަދި ދިވެހި ފައިސާގެ އިތުރުން ޑޮލަރާ އެހެންވެސް ގައުމުތަކުގެ ފައިސާ އެ ދެ ތިޖޫރީގައި ރައްކާކޮށްފައި ހުރި ކަމަށެވެ.

އެ ވައްކަމާ ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ. މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.