ބޮލީވުޑް

ގަލްފްގެ ތިން ގައުމެއްގައި އަކްޝޭގެ "ބެލް ބޮޓަމް" ދެއްކުން މަނާ

އަކްޝޭ ކުމާރުގެ ސްޕައި-ތުރިލާ "ބެލް ބޮޓަމް" އޮގަސްޓް 19 ވަނަ ދުވަހު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ރިލީޒް ކޮށްފަ އެވެ. ފިލްމު ބެލި ގިނަ މީހުނާއި ކްރިޓީކްސް މި ފިލްމުގެ މޮޅު ވާހަކަ ދައްކަމުން ދާއިރު ގަލްފުގެ ބައެއް ގައުމުތަކުގައި މި ފިލްމު ވަނީ މަނާ ކޮށްފަ އެވެ.

ސައޫދީ އަރަބިޔާ އާއި ގަތަރު އަދި ކުވޭތުގެ ސެންސަރު ބޯޑުތަކުން މި ފިލްމު ދެއްކުމުގެ ހުއްދަ ނުދިނީ ތާރީހީ ބައެއް ހަގީގަތް އޮޅުވާލާފައިވާ ކަމަށް ބުނެފަ އެވެ. މި ފިލްމު ބިނާ ކޮށްފައި ވަނީ 1980 އިގެ އަހަރުތަކުގައި ހިނގި މަތިންދާބޯޓެއް ހައިޖެކް ކުރުމުގެ ހަގީގީ ހާދިސާ އަކަށެވެ. ފިލްމުގައި ދައްކަނީ މަތިންދާ ބޯޓު ސަލާމާތް ކުރަން އިންޑިޔާއިން ހިންގި ސިއްރު އޮޕަރޭޝަނެކެވެ.

ރަންޖިތު އެމް. ތިވާރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ އިންޓަވަލުގެ ފަހު ބައިގައި ފެންނަނީ މަތިންދާބޯޓު ހައިޖެކްކުރި މީހުން ބޯޓު ޕާކިސްތާނުގެ ލާހޯރުން ޑުބާއީއަށް ގެންދާތަނެވެ. ނަމަވެސް 1984 ގައި ހިނގި ހަގީގީ ހާދިސާގައި މި ހައިޖެކް ކަންކަން ހައްލު ކުރެއްވީ އޭރު ޔޫއޭއީގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ޝޭޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަމިއްލަފުޅަށް އިސް ނަންގަވައިގެން އެމަނިކުފާނެވެ. ބޯޓު ހައިޖެކްކުރި މީހުން ހައްޔަރުކޮށް ބޯޓު ސަލާމަތްކޮށް އެކަމާ ގުޅޭ ހުރިހާ ކަމެއް ކުރީ ޔޫއޭއީގެ ކަމާ ބެހޭ އިދާރާތަކުންނެވެ.

ނަމަވެސް "ބެލް ބޮޓަމް" ގައި ދައްކަނީ މި ބޯޓު ސަލާމަތް ކުރުމުގެ ހުރިހާ ކަމެއްގައި އަކްޝޭގެ ކެރެކްޓާ އިސްކޮށް އުޅެނިކޮށެވެ. މި ފިލްމުގައި ބުނާ ގޮތުން ޔޫއޭއީގެ ޑީފެންސް މިނިސްޓަރަކަށް މި ބޯޓާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

ގަލްފުގެ ގިނަ ގައުމުތަކަކުން މި ފިލްމު ދެއްކުން މަނާ ކުރާ ސަބަބަކީ މިއީ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 އިގެ ހާލަތު އިންޑިޔާގައި އަދިވެސް މުޅީން ހަމައަކަށް ނޭޅޭތީ ފިލްމުތަކަށް ސިނަމާތަކަށް މީހުންނަށް ވަދެވެނީ އެ ސިނަމާއެއްގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބަޔަށެވެ. އެހެން ކަމުން އަކްޝޭ އާއި "ބެލް ބޮޓަމް" ގެ ޕްރޮޑިއުސަރުން ސިނަމާގައި މި ފިލްމު ރިލީޒްކޮށްފައި ވަނީ ވަރަށް ބޮޑު ރިސްކެއް ނަގައިގެނެވެ. އަދި މިއީ އަކްޝޭ ކުރި ވަރަށް ހިތްވަރުގަދަ ކަމެއްގެ ގޮތުގައި ގިނަ މީހުން ވަނީ ސިފަ ކޮށްފަ އެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އިންޑިޔާއިން މި ފިލްމަށް ލިބުނީ 2.75 ކްރޯޑެވެ. މިއީ ފިލްމުގެ ބަޖެޓާ ބަލާއިރު ކުޑަ އަދަދެއް ނަމަވެސް މި ވަގުތުގެ ހާލަތަށް ބަލާއިރު ރަނގަޅު އަދަދެއް ކަމަށް ފިލްމީ ވިޔަފާރީގައި އުޅޭ މީހުން ބުނެ އެވެ. ސަބަބަކީ ސިނަމާތައް ހުޅުވިޔަސް އަދި ފިލްމު ބަލަން އެ ތަންތަނަށް ވަންނަން މީހުން ޖެހިލުން ވާތީ އެވެ. ނަމަވެސް މީހުން ގިނައިން ފިލްމުތަކަށް ވެއްދޭނީ ކޮންމެވެސް ބަޔަކު ހިތްވަރުކޮށް ރިސްކު ނަގައިގެން ކަމުން އަކްޝޭގެ މި މަސައްކަތަށް އެންމެން ވެސް ތައުރީފުކުރެ އެވެ.

އަކްޝޭގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވަނީ އާދިލް ހުސެއިނާއި ލާރާ ދައްތާ، ޑެންޒިލް ސްމިތު، ހުމާ ގުރައިޝީ އަދި ވާނީ ކަޕޫރެވެ.