ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ޕެޓިޝަންގައި ނުވަ މެމްބަރަކު ސޮއިކުރައްވައިފި

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބައިވެރިވުން ހިމެނޭގޮތަށް މިހާރު ފައްޓަވައިފައިވާ ޕެޓިޝަންގައި މަޖިލީހުގެ ނުވަ މެމްބަރަކު ސޮއިކުރައްވައިފި އެވެ.

އެ ޕެޓިޝަންގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ މިހާތަނަށް ނުވަ މެމްބަރަކު ސޮއިކޮށްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު މަޖިލިސް މެމްބަރުންވެސް ސޮއިކުރައްވާނެ ކަމަށެވެ.

ޕެޓިޝަންގައި މިހާތަނަށް ސޮއިކުރެއްވި މެމްބަރުން

  • ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
  • އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)
  • މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
  • ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

ނިޝާން ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމަށް އިތުރު މެމްބަރުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް މިވަގުތު ހާލަތު ހުރިގޮތުން އަދި އެ ޕެޓިޝަންގައި ސޮއިކުރަން ބޭނުންނުވާ ކަމަށެވެ.

"ކުރީގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންވެސް އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެންގެ އަމާޒަކީ 100 ދުވަސްތެރޭ 100،000 ސޮއި ހޯދުން. އެއަށް ފަހު އެ ޕެޓިޝަން އަޅުގަނޑުމެން ހުށަހަޅާނަން މަޖިލީހަށާއި ރައީސްއަށް ވެސް" ނިޝާން ވިދާޅުވި އެވެ.

ނިޝާން އިތުރަށް ވިދާޅުވީ އެ ޕެޓިޝަން ރާއްޖޭގައި އެކި ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

ބަރުލަމާނީ ޕެޓިޝަންއެއްގައި ސޮއިކުރަން ފެށިއިރު 2023 ކުރިން ރާއްޖެ ބަރުލަމާނީއަށް ފޮރުޅާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީން އެންމެ ކުރިއްސުރެވެސް ދިޔައީ ވަކާލާތު ކުރަމުން ނެވެ. ނަމަވެސް 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން، 62 ޕަަސެންޓް ވޯޓާއެކު ނިންމީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށެވެ.