ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަރުލަމާނީ ޕެޓިޝަނާ އެކު ވެސް ރައީސްގެ ޖަވާބު ބަދަލެއް ނުވި

ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޕާޓީތަކާއި ގުޅިގެން ހަދާފައިވާ މެނިފެސްޓޯއެއް ކަމަށެވެ.

އެކަމަކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން އެމްޑީޕީ މެމްބަރުން މިހާރު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަނާ ގުޅޭގޮތުން ނޫސްވެރިޔަކު މިއަދު ސުވާލުކުރެއްވުމުން މަބްރޫކް ދެއްވީ ނިޒާމު ބަދަލުކުރުމުގެ މައްސަލާގައި ރައީސް ތަކުރާރުކޮށް ދެއްވާ ޖަވާބެވެ. އެގޮތުން ވިދާޅުވީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި ނިޒާމުގެ މައްސަލާގައި ރައީސްގެ ޖަވާބަކީ އެއީ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ އަކީ ކޯލިޝަންގައި އޮތް ޕާޓީތަކުން އެއްބަސްވެގެން އެކުލަވައިލި މެނިފެސްޓޯއެއް ކަމަށްވާތީ އެ މެނިފެސްޓޯގައި އޮންނާނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ ވާހަކަ ކަމަށެވެ. ކޯލިޝަން މެނިފެސްޓޯގެ ކުރިން ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެހެން ޕާޓީތަކުން ވެސް މެނިފެސްޓޯ އެކުލަވާލި ކަންވެސް ފާހަގަކުރެއްވި އެވެ.

މަބްރޫކް ވިދާޅުވީ ކޯލިޝަނުން އެއްބަސްވެގެން އެކުލަވާލައިފައިވާ މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ ނޯންނާނެ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގިނަ ރައްޔިތުންތަކެއް އެދޭނަމަ އެފަދަ ވޯޓަކަށް ދެވިދާނެ ކަމަށް ރައީސް ވިދާޅުވާ ކަމަށްވެސް މަބްރޫކް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މިކިޔައިދެނީ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައޭ ވަނީ މިކަމުގައި ގޮތެއް ނިންމާނީ ސީދާ ރައްޔިތުންގެ ވޯޓަކަށް ގޮސްގެންނޭ. އެއީ ރައްޔިތުން އެދޭ ކަމެއް ކަމުގައި ވާނަމަ،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އެމްޑީޕީގެ ބަޔަކު ހަދާފައިވާ ބަރުލަމާނީ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރެއްވުމަށް ރައީސް ނަޝީދު މިހާރު ވަނީ އެދިވަޑައިގެންފަ އެވެ. އެ ޕެޓިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 13 މެމްބަރަކު ވެސް ސޮއިކުރައްވާފައިވެ އެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ދަންނަވާފަ އެވެ.