އެމްޑީޕީ

ނިންމުން ބަދަލުކޮށް އަކްރަމަށް ފުރުސަތު ދީފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އެންގި އެންގުން މުރާޖައާ ކުރުމަށް ފަހު އަކުރަމަށް އިންތިހާބުން ފުރުސަތު ދޭން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު އަދި އަކްރަމްގެ ގާތް ބޭފުޅަކުވެސް ވަނީ އެކަން ޔަގީން ކޮށްދެއްވާފައެވެ. ނަމަވެސް އެމްޑީޕީގެ އެ ނިންމުން އަދި ރަސްމީކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އަކުރަމް ކުރިމަތިލައްވަން ނިންމެވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއާ ވާދަކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރަން އަކްރަމަށް ފުރުސަތު ނެތް ކަމަށް އެމްޑީޕީން އެންގީ އޭނާގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ބުނުމަށްފަހު އެވެ.

އެމްޑީޕީގެ މި ނިންމުން މުރާޖައާ ކޮށްދެއްވުމަށް އެދިވަޑައިގެން އަކުރަމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ސީޓީގައި ވިދާޅުވެފައި ވަނީ އޭސީސީން އަކްރަމްގެ މައްސަލައެއް ބަލަމުންދާތީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަމަށް ޕާޓީން ބުނި ނަމަވެސް، ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ މީހުންގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވައިދެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި މިދިޔަ އޭޕްރީލް 24 ގައި ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނީ ގެއްލުވާލާފައިވާ އަދި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ކުށެއް ކުރި ކަމަށް ނުވަތަ ކުށުގައި ބައިވެރިވެފައިވާ ކަމަށް ބުނެފައިވާ މީހުންނަށް ކަމަށް ބުނާ ކަމަށް ވާއިރު އެ ދެ ކޮމިޝަނުން ނެރުނު އެއްވެސް ރިޕޯޓެއްގައި އޭނާ ކުށެއް ކުރި ކަމަށް ނުވަތަ ކުށުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައި ނުވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަކްރަމްގެ ސިޓީގައި ވިދާޅުވެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓުން އެނގޭ ގޮތުގައި އެ ކޮމިޝަނުން ވަނީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރަން ނިންމައި މައްސަލަ ނިންމާފައި ކަމަށެވެ.

ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވަނީ އޭނާގެ މައްސަލައެއް އޭސީސީން ބަލާތީ ކަމަށް އެމްޑީޕީން ބުނެފައިވާތީ އެކަމަށް އިޝާރާތް ކޮށް އަކްރަމް ވިދާޅުވީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު ޕާޓީން ނެރުނު އިއުލާނުގައިވާ ގޮތުން ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވަނީ އޭސީސީން މައްސަލައެއް ހުށަހަޅާފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުން ދިއުމަކީ ޝަރުތު ފުރިހަމަ ނުވާނެ ސަބަބެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އޭސީސީން 2018 ވަނަ އަހަރު ނެރުނު ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވާތީ އެކަމާ ގުޅޭގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް މިހާރު އޮތްތޯ ނުވަތަ ނޫންތޯ އޭސީސީގައި އެދުނު ކަމަށްވެސް އަކްރަމްގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ޖަވާބުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން އަންގާފައިވާ ކަމަށްވެސް އަކްރަމު ވިދާޅުވެފައިވެ އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ނުވަތަ އެ ނޫންވެސް އެއްވެސް މައްސަލައެއްގައި މިހާތަނަށް ސުވާލެއް ވެސް ކޮށްފައެއް ނުވޭ" އަކްރަމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޕާޓީގެ އިންތިހާބުގައި ވާދަކުރާ މީހުންގެ ޝަރުތުތައް، އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ނިންމުމަށްފަހު، އިތުރު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ސިޓީގައިވެ އެވެ.